ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ 250 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓަށް ރާއްޖެއިން ޝުކުރު އަދާކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން ޑޮލަރު ބަޖެޓު ސަޕޯޓް ދިނުމުން ރާއްޖެއިން އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.

ރާއްޖެއިން އިންޑިއާއަށް ޝުކުރު އަދާކޮށްފައިވަނީ، މިއަދު ބޭއްވުނު އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުޘްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެ ތަމްޞީލުކުރައްވައި، ރެކޯޑްކުރެވިފައިވާ ވީޑިއޯ ޚިތާބުގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހަނގުރާމަ ކުރަމުންވެސް، މާލީ ގޮތުންނާއި ފަންނީރޮގުން އަދި މީނޫން ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

"މިގޮތުން އަވަށްޓެރި އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވި 250 މިލިއަން ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށް، ޝުކުރުއަދާކުރަން. މިއީ މި ބަލިމަޑުކަމުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު މާލީ އެހީ." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ވަބާގެ ސަބަބުން، ފާއިތުވި ދުވަސްތަކުގައި، ބައިނަލްއަޤްވާމީ އެއްބައިވަންތަކަމުގެ މުހިއްމުކަން ރާއްޖެއަށް ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމަށެވެ. އެގޮތުން ހެޔޮ އެދޭ ފަރާތްތަކާއި އެކުވެރި ޤައުމުތަކުގެ އެހީއާ ނުލާއި މި ވަބާގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވި ގޮންޖެހުންތަކުން އަރައި ނުގަނެވުނީސްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިއަދު ކޮވިޑް-19 ރޯގާއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު،  އުންމީދަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި ވެކްސިން ބޭނުންވާ ހުރިހާ ފަރާތްތަކަށް، ވިހާވެސް އަވަހަށް، ހަމަހަމަ ގޮތެއްގައި ވެކްސިން ލިބިގެން ދިއުމުގެ ޔަޤީންކަން ކަށަވަރުކޮށްދިނުންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ