ތިއާގޯ އަލްކަންޓަރާއަށް ކޮވިޑް-19 ޖެހިއްޖެއެވެ.
ލިވަޕޫލުން އެކަން ކަށަވަރުކޮށްދީފައިވާއިރު އުމުރުން 29 އަހަރުގެ ތިއާގޯ ޕްރިމިއާ ލީގުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައިނުވަނީ ބަލީގެ އަލާމަތްތައް ހުރުމުގެ ސަބަބުންނެވެ.
އަދި ކުރިއަށް އޮތް ދެ ހަފްތާގެ މެޗުތައްވެސް ތިއާގޯ ގެއްލޭއިރު، ކަރަބޯ ކަޕްގައި އާސެނަލްއާއި ދެކޮލަށް ލިވަޕޫލް ކުޅޭ މެޗާއި، ޕްރިމިއާ ލީގުގައި އެސްޓަންވިލާއާއި ދެކޮޅަށް ކުޅޭ މެޗުވެސް މީގެތެރޭގައި ހިމެނެއެވެ. ކަރަބޯ ކަޕް ގަދަ 16 ގައި އާސެނަލްއާއި ދެކޮލަށް ލިވަޕޫލް ނުކުންނާނީ މާދަމާ ރޭ 11:45 ގައެވެ.
ތިއާގޯ ލިވަޕޫލް ޖާޒީގައި މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެއްގައެވެ. އެއީ ޕްރިމިއާ ލީގުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ހެންޑާސަންގެ ބަދަލުގައި ތިއާގޯ ކުޅެން ނުކުމެފައިވަނީ މެޗުގެ 46 ވަނަ މިނަޓްގައެވެ. އެމެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ބަޔާން މިއުނިކް ދޫކޮށް ލިވަޕޫލްލާއި ތިއާގޯ ގުޅުނީ މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ. 25 މިލިއަން ޕައުންޑަށް ލިވަޕޫލަށް ގޮސްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ ސީޒަންގައި ބަޔާން މިއުނިކަށް ތިން ތަށި ހޯދައި ދިނުމުގައިވެސް އިސްރޯލެއް އަދާކޮށްފައިވާ ތިއާގޯ، ބާސެލޯނާ ދޫކޮށް ބަޔާންއާއި ގުޅިފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ބާސެލޯނާގެ ޔޫތު ސިސްޓަމުން ރެކްރޫޓް ވެގެން އައި ތިއާގޯ ބާސެލޯނާ އަދި ބަޔާން މިއުނިކުގައި ހޭދަކުރި ދުވަސްތަކުގައި ގިނަވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބާސެލޯނާއާއެކު ހަތަރު ފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާއިރު، ބަޔާންއާއެކު ހަތް ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބުކޮށްފައިވެއެވެ. އަދި ތިއާގޯ މިއިން ކޮންމެ ޓީމަކާއެކު 1 ފަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލާލާފައިވެއެވެ.




