ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމު އެޅޭކަށް ބޭނުމެއްނޫން: ހަސަން ލަތީފް

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ފޮރުވަން އުޅޭކަމުގެ އިލްޒާމާއި އެބަދުނާމު އެމްޑީޕީގައި އެޅެން ބޭނުން ނުވާކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެ ފައިސާއިން މަންފާނުވާ ސިޔާސީ އެއްވެސް ޕާޓީއެއް ނުހުންނާނެކަމަށާއި އަދި މަޖިލީހުގައި ނެގި ވޯޓްތަކާއި ކުރީގެ މެމްބަރުންނާއި އޭރު މިނިވަން މުއައްސަސާތަކަށް ވެސް މިކަމުގެ މަންފާކޮށްފައިވާނޭ ކަމަށް ބުނުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ހަސަން ލަތީފް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާއިން ބައިކުޅަބައި ލިބިފައިތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުނާ އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތް ކޮށް އިންސާފު ގާއިމުވާންޖެހޭ ކަމަށެވެ.

އަދި އެކަން ނުކުރެވޭހާ ހިނދަކުވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށާއި އެ އިލްޒާމް އެމްޑީޕީގައި އެޅެން ބޭނުން ނުވާކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ ކުރެވުނު ކުށްތަކަށް ތައުބާވެފައި ވާކަމަށާއި އަދި އެކަމާއިގުޅިގެން ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެދިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ.

މިީގެއިތުރުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ދައުލަތުން އަދީބުގެ މައްޗަށްކުރާ 7 ދައުވާއަށް އިއުތިރާފްވެފައެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އިއްޔެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ހަތް ދައުވާއަށް އިތިރާފުވާކަމަށެވެ. މިއީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ