މާބަނޑު މުސްލިމް އަންހެނަކަށް ހަމަލާދިން މީހަކު ތިންއަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އޮސްޓުރޭލިއާގައި މުސްލިމް މާބަނޑު އަންހެނަކަށް ހަމަލާދިން އޮސްޓުރޭލިއާ މީހަކަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔައަހަރު މީސްމީޑިއާ ވެބްސައިޓުތަކުގައި ވެސް މިހާދިސާގެ ވީޑިއޯ ވައިރަލް ވެގެން ގޮސްފައިވާއިރު މި ވީޑިއޯއިން ފެއްނަނީ ކެފޭއެއްގެ ތެރޭގައި ހުންނަ އަންހެނަކަށް ފިރެހެނަކު އައިސް ހަމަލާދޭ މަންޒަރެވެ. އަދި މިމީހާ ހުއްޓުވުމަށް ކެފޭގައި ދެންތިބި މީހުން މަސައްކަތްކުރާތަންވެސް ފެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ކެފޭއަށް އައިސް ހަމަލާދީފައިވަނީ އުމުރުން 44 އަހަރުގެ ސުޓައިޕް ލޮޒިނާ ނަމަކަށް ކިޔާ މީހެކެވެ. އަދި ހަމަލާ އަމާޒުވެފައިވަނީ އުމުރުން 32 އަހަރުގެ ރަނާ އެލަސްމަރ ނަމަކަށް ކިޔާ ބަނޑަށް 38 ހަފްތާ ވެފައިވާ މާބަނޑު އަންހެނަކަށެވެ.

ސުޓައިޕް ލޮޒިނާގެ މައްޗަށް ތިންއަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަމުން ފަނޑިޔާރު ބުނެފައިވަނީ، ސުޓައިޕް ލޮޒިނާ ދިން ހަމަލާ އަކީ ހަމަލާ އަމާޒުވި ރަނާ އެލަސްމަރ އަށާއި އަދި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ބޮޑެތި ގެއްލުންތަކެއް ލިބިދޭފަދަ ހަމަލާއެއް ކަމަށެވެ.

ކެފޭގައި ތިބި މީހުން ސުޓައިޕް ލޮޒިނާ ހުއްޓުވުމުގެ ކުރިން އޭނާވަނީ ރަނާ އެލަސްމަރ ގައިގައި 14 ފަހަރަށް ޖަހައިފައެވެ. އަދި މި ހަމަލާއަކީ ރަނާ އެލަސްމަރ މުސްލިމަކަށް ވުމުން ދިން ހަމަލާއެއް ކަމަށް ވެއެވެ. އޮސްޓްރޭއާގައި މީގެކުރިންވެސް މުސްލިމުންނަށް މިފަދަ ހަމަލާތައް އަމާޒުވެފައި އެބަހުއްޓެވެ.

ހަމަލާ ދިންތާ ތިންހަފްތާ ފަހުން ރަނާ އެލަސްމަރ ވަނީ ވިހައިފައެވެ. އަދި ވިހައިފައިވަނީ ސިއްހަތު ރަނގަޅު ފިރެހެން ކުއްޖެކެވެ. ރަނާ އެލަސްމަރ ކޯޓުގައި ވާހަކަދައްކަމުން ބުނެފައިވަނީ، ހަމަލާދޭން ފެށުމުން އޭނާގެ ދަރިފުޅުގެ ހިމާޔަތައް ހަމަލާދިން މީހާ އަށް ފުރަގަސްދިން ކަމަށާއި އެވަގުތު ކެފޭގައި ތިބި މީހުން އެހީނުވިނަމަ ހަމަލާދިން މީހާ އޭނާ މަރާލާނެކަމުގެ ބިރު ހީވި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ