ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީ ގޭގައި މަޑުކުރުމަށް އަންގައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓަރީ ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ތަހުޤީޤުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން ޕަރމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒް، މުސާރަ ލިބޭގޮތަށް 30 ދުވަހަށް އޮފީހަށް ނުކުތުން މަނާކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ނަމަވެސް އަބްދުﷲ ފަޔާޒާއި ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ ތަފްޞީލް ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފައެއްނުވެއެވެ.

ރާއްޖެ އެމްވީގައި ރިޕޯރޓްކޮށްފައިވާ ގޮތުން އަބްދުﷲ ފަޔާޒާއި ދެކޮޅަށް މިނިސްޓްރީގެ މުވައްޒަފުން މައްސަލަ ހުށަހަޅާފައިވަނީ މައިގަނޑު 8 މައްސަލައެއްގެ މައްޗަށް ބިނާކޮށެވެ. އޭގެތެރޭގައި ހިމެނެނ ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށް އަބްދުﷲ ފަޔާޒާއެކު ކުރިން ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރި 5 ފަރާތަކަށް ވަޒީފާ ދިނުމާއި، ވަކި ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ ނިޔަތުގައި ވަޒީފާއަށް ކުރެވޭ އިއުލާންތަށް ބާތިލްކޮށް އަލުން އިއުލާންކުރުމާއި މަގާމުގެ ޝަރުތު ހަމަނުވާ ފަރާތެއް ގަވާއިދާ ހިލާފަށް ވަޒީފާގައި ގެންގުޅުމާއި، ތިއަރީ އިމްތިހާން ނުހަދައި ދޫކޮށްފައިވާ ލައިސަންސް ކާޑުތަކެއްގެ ލިޔެކިޔުންތަށް ނައްތާލުން ހިމެނެއެވެ.

ސިވިލް ސަރވިސް އިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެރަޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ