ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒުގެ ސަސްޕެންޝަން އުވާލައިފިއެވެ.
ފަޔާޒްގެ ސަސްޕެންޝަން އުވާލާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިއަދު ވަޒީފާ އަށް ނިކުންނަވަން ވަނީ ފައްޓަވާފައިވާއިރު، ފަޔާޒާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ސިވިލް ސަވިސް ކޮމިޝަނުން ބެލި ބެލުމުން އޭނާގެ މައްސަލައެއް ނެތްކަންމަށް މަޢުލޫމާތު ލިބިފައިވާކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ.
ފަޔާޒުއާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ތަހުޤީޤުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން އޭނާ މުސާރަ ލިބޭގޮތަށް 30 ދުވަހަށް އޮފީހަށް ނުކުތުން މަނާކޮށް ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ.
ނަމަވެސް ފަޔާޒާއި ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ ތަފްޞީލް ޓްރާންސްޕޯޓް މިނިސްޓްރީއިން ހާމަކޮށްފައެއްނުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކުރީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަކި ކުރި މައްސަލައެއް ފެންމަތިވެފައި އޮތް ދަނޑިވަޅެއްގައެވެ. އަދި ތަނުގެ ހިންގުމާއި ތަނުގެ މަސައްކަތްތަކުގެ ޒިންމާ ބައެއް މަތީ ފަންތީގެ ބޭފުޅުން އަދާ ނުކުރައްވާ ކަމުގެ ތުހުމަތުތައް މުވައްޒަފުން ކޮށްފައިވާއިރު، އެ މައްސަލަ ހައްލު ނުކޮށް މިނިސްޓްރީގައި ތިބި އެންމެ ދަށް ފަންތީގެ މަގާމުގައި ތިބި މީހުން ވަޒީފާއިން ވަކި ކޮށްފައިވާތީ އެ މުވައްޒަފުން އަޑު އުފުލާ މުޒާހަރާ ވެސް ކުރިކަން ފާހަގަކުރެވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުން އަބްދުﷲ ފަޔާޒާއި ދެކޮޅަށް މިނިސްޓްރީގެ މުވައްޒަފުން މައްސަލަ ހުށަހަޅާފައިވަނީ މައިގަނޑު 8 މައްސަލައެއްގެ މައްޗަށް ބިނާކޮށެވެ. އޭގެތެރޭގައި ހިމެނެނ ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށް އަބްދުﷲ ފަޔާޒާއެކު ކުރިން ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރި 5 ފަރާތަކަށް ވަޒީފާ ދިނުމާއި، ވަކި ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ ނިޔަތުގައި ވަޒީފާއަށް ކުރެވޭ އިއުލާންތަށް ބާތިލްކޮށް އަލުން އިއުލާންކުރުމާއި މަގާމުގެ ޝަރުތު ހަމަނުވާ ފަރާތެއް ގަވާއިދާ ހިލާފަށް ވަޒީފާގައި ގެންގުޅުމާއި، ތިއަރީ އިމްތިހާން ނުހަދައި ދޫކޮށްފައިވާ ލައިސަންސް ކާޑުތަކެއްގެ ލިޔެކިޔުންތަށް ނައްތާލުން ހިމެނެއެވެ.
ސިވިލް ސަރވިސް އިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެރަޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.




ހިޔާލު
Kaakuge kokkoeh