ޔޫއެފާއިން ހޮވާ ވިލާތުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.
އުމުރުން32 އަހަރުގެ ލެވަންޑޯސްކީ މި މަގާމު ހޯދައިފައިވަނީ ބަޔާން މިއުނިކުގެ މެނުއެލް ނޯޔާ އާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ވާދަކޮށްގެންނެވެ. މިއީ މި މަގާމު ލެވަންޑޮސްކީ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
ނިމިދިޔަ ސީޒަނުގައި ލެވަންޑޯސްކީވަނީ 47 މެޗުން 55 ގޯލް ކާމިޔާބު ކޮށްފައެވެ. އަދި ބަޔާން މިއުނިކު ޗެމްޕިއަންސް ލީގާއި، ބޮންޑަސް ލީގާއި، އަދި ޖަރުމަނު ކަޕް ހޯދިއިރު މުހިންމު ދައުރެއް ލެވަންޑޯސްކީވަނީ ޓީމުގައި އަދާކޮށްފައެވެ.

މިދިޔަ ސީޒަނުގެ ވިލާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވަންޑޯސްކީ ހޯދިއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފޯވާޑުގެ މަގާމުވެސް ހޯދާފައެވެ.




