އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބާސެލޯނާއިން ސެލްޓަވީގޯގެ މައްޗަށް ކުރި ހޯދައިފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މިމެޗު ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާއިން ލީޑު ނެގިއިރު، މެޗުގެ 11 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ އަންސޫ ފާޓީއެވެ. އަދި މިލަނޑާއެކު ބާސެލޯނާއިން ލީޑުގައި ފުރަތަމަ ހާފު ނިންމާލިނަމަވެސް، މެޗުގެ 42 ވަނަ މިނަޓްގައި ޑިފެންޑަރު ލެންގްލެޓަށް ދެއްކި ދެވަނަ ރީނދޫކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން ބާސެލޯނާއަށް ބާކީބައި ފުރިހަމަ ކުރަންޖެހިފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

ބާސެލޯނާގެ ދެވަނަ ލަނޑަކީ މެސީގެ ހުރަހެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި ސެލްޓަވީގޯގެ ޑިފެންޑަރު އޯލާޒާ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި އޭގެ ކުޑަވަގުތު ކޮޅެއްފަހުން މެސީ ބާސެލޯނާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް އޭރިއާ ބޭރުން ކުޓީނިއޯ ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ވަން ޓަޗުން ފޮނުވާލައިގެން މެސީ މިލަނޑު ކާމިޔާބުކޮށްފައިވަނީ އޮފްސައިޑްގައި ހުރުމަށްފަހުކަމުން ރެފްރީވަނީ މިލަނޑު ކެންސަލްކޮށްފައެވެ.
ބާސެލޯނާއިން ދެލަނޑުގެ ލީޑުގައި އޮއްވާ ފަރަގުކުޑަކުރަން ސެލްޓަވީގޯއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އޭރިއާތެރެއިން ބައެޒާ ފޮނުވާލި ހަމަލާ ގޯލްގެ ދަނޑިއާއި އަމާޒުވީ ބާސެލޯނާގެ ޑިފެންޑަރު ރޮބާޓޯގެ ފައިގައި ޖެހުމަށްފަހުގައެވެ.
އަދި ބާސެލޯނާގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ސާޖިއޯ ރޮބާޓޯއެވެ.
ރޭގެ މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އުމުރުން 17 އަހަރުގެ އަންސޫ ފާޓީ މިސީޒަންގެ ލަލީގާއި ކުޅުނު ދެ މެޗުން ތިންލަނޑުވަނީ ކާމިޔާބުކޮށްފައެވެ. ލީގުގައި ވިލަރެއާލްއާއި ދެކޮޅަށްކުޅުނު ފުރަތަމަ މެޗުގައި ފާޓީވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އުމުރުން 18 އަހަރު ނުވަނީސް ބާސެލޯނާއަށް ދެލަނޑު ކާމިޔާބުކޮށްދީފައިވާ އަނެއް ކުޅުންތެރިޔަކީ ބޯޖާންއެވެ.
ލީގުގައި ބާސެލޯނާއަށް މިހާތަނަށް ކުޅެދިން 26 މެޗުން 10 ލަނޑު ފާޓީ ކާމިޔާބުކޮށްފައިވާއިރު، ކެޕްޓަން މެސީއަށް މިއަދަދަށް ލަނޑު ކާމިޔާބުކުރެވިފައިވަނީ 30 މެޗުންނެވެ.




