ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު ސިލްސިލާގެ ފުރަތަމަ ފިލްމް "ދައުވަތު" ޔޫޓިއުބްގައި ރިލީޒް ކޮށްފިއެވެ.
އަލީ ޝިފާއު (ޗިއްޕެ) ލިޔެ، ހަމަ އޭނަގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދިން "ދައުވަތު"އަކީ ވާހަކައިގައި ސަސްޕެންސުންނާއި އަދި އެކި ޓްވިސްޓްތަކުން ފުރިގެންވާ ތުރިލާ ފިލްމެކެވެ. މި ކުރު ފިލްމްގެ ދިގުމިނަކީ ގާތްގަނޑަކަށް 12 މިނެޓާއި 30 ސިކުންތެވެ.
"ދައުވަތު"ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ، އަހްމަދު ސުނީ އާއި މި ދާއިރާއަށް ތައާރްފްވާ ޒުވާން ބަތަލާ މަރިޔަމް ޝިފާ، އަދި ބަތަލު ހޫދު އިބްރާހިމެވެ. ޝިފާ އަކީ ޓީވީ ޕްރެންޓަރެއްގެ ގޮތުގައި އާއްމުންގެ ތެރޭގައި މަޝްހޫރު ފަންނާނެކެވެ. އަދި ޝިފާ ފެނިގެންދާނެ ފުރަތަމަ ފީޗަރ ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ލަސްވިޔަސް"އެވެ.
ޑާކް ރެއިން "ޝޯޓްސް" ގެ ނަމުގައި ޑާކްރެއިންއިން ކުރިއަށްވެސް ގިނަ ފިލްމްތަކެއް ގެނެސްދޭން ރާވާފައިވާއިރު، ދެން ފެނިގެންދާނީ، މި މަހުގެ 14 ގައި ރިލީޒްކުރާ ކުރުފިލްމް "އަނގުރު" އެވެ. މި ފިލްމްގެ ޕޯސްޓަރުވެސް މިހާރު ދައްކާލާފައިވާއިރު، ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ކާމިޔާބު އެކްޓަރު ރޯނު ހަސަން މަނިކާއި، ބައިސްކޯފުން ދާދިފަހަކުން ނިއްމާލި ސީރީޒް "އެހެނަސް" އިން ފެނިގެންދިޔަ އެކްޓްރެސް ޝިލްނާ ނަދީހްއެވެ.



