ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތުމުން ކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާޙިދު މިހެން ވިދާޅުވެފައި ވަނީ މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
"ޕޮޓެންޝަލް ފޮރ ސައުތު އޭޝިއާ"، މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ މެދުގައި އަދި ޤައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެކަމަށާއި އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ.
ކުރިއާލާ ފިޔަވަޅުތަކެއް އެޅިނަމަވެސް، ރާއްޖޭގެ އިޤްތިޞާދަށް ކޮވިޑް19ގެ ސަބަބުން މިވަރުގެ ލޮޅުމެއް އައިސްފައިވަނީ ހަމައެކަނި ފަތުރުވެރިކަމަށް ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތުމުންކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ދިގުރާސްތާ ޕްލޭންތަކެއް ހެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ޕްލޭންތަކުގެ ތެރޭގައި އިޤްތިޞާދު ޑައިވަރސިފައިކޮށް، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްފަދަ އަވަށްޓެރި ޤައުމުތަކުން މާލީ އެހީއާއި، ލޯނު އަދި ތަކެތީގެ އެހީ ފޯރުކޯށްދީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާތީ، އެޤައުމަކަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާނީ ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރް ގްޔަވާލީ އާއި، ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ޝަރިއާރް އާލަމް އާއި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް، ޓްރާންސްޕޯޓް އެންޑް ހައިވޭސް ވީ.ކޭ ސިންހްއެވެ. ބައްދަލުވުން މޮޑަރޭޓްކޮށްދެއްވީ ޗައުދަރީ ގްރޫޕް ގްލޯބަލްގެ ޗެއަރމަން ބިނޯދް ޗައުދަރީއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ނަތީޖާ ނެރުމަށްޓަކައި ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު، އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އެންމެންނަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ކޮވިދް-19 ޕެންޑެމިކްގެ ސަބަބުން ހާމަވެގެން ހިނގައްޖެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ހޮރަސިސް އަކީ ސްވިޓްޒަލެންޑްގެ ޒިއުރިކްގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ތިންކް ޓޭންކެކެވެ. 2005 ވަނަ އަހަރު މި ތިންކް ޓޭންކް ޤާއިމްކުރެއްވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ކުރީގެ ޑައިރެކްޓަރ ފްރޭންކް ޖަރގަން ރިކްޓަރއެވެ. އދގެ އާއްމު މަޖިލީހުގެ ހާވާސާގައި ބާއްވާ ގިނަ ބައްދަލުވުންތަކެކޭ އެއްފަދައިން މި ބައްދަލުވުންވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.