ކާށިދޫ ޒުވާނުން އިސްނަގައިގެން އެޅި 140 ފޫޓުގެ ފާލަން ހުޅުވައިފިއެވެ.
ކާށިދޫގެ މިފާލަން ރަސްމީކޮށް އާއްމުންށް ހުޅުވާލުމަށްޓަކައި ރޭގައި ކާށިދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ހުކުރު ދުވަހު ހަވީރު އެސަރަހައްދުގައި ކުޑަކުދިންނަށްވެސް ޚާއްސަ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްޠާންއާއި ޙަވާލާދީ ޕީއެސްއެމްނިއުސްގައި ބުނެފައިވަނީ އެރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމާއި އެކު، ފާލަމެއް އެޅުމުގެ އިތުރުން އެސަރަހައްދުގެ ގޮނޑު ދޮށުގައި އުނދޯލިތަކާއި، ގޮނޑިތަކާއި ޖޯލިތައް ބަހައްޓައި، ހިތްފަސޭހަ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ.
އަދި ކާށިދޫގެ ފާލަމާއި ގޮނޑުދޮށް ތަރައްޤީ ކުރުމުގެ ޚިޔާލަކީ، ކޮފީ މޭޒަކުން އުފަންވެގެން އައި ޚިޔާލެއް ކަމަށް މާލެއަތޮޅު ކައުންސިލްގެ މެމްބަރު މާޖިދު ސުލައިމާނު ވިދާޅުވިކަމަށާއި، އަދި މިމަސައްކަތަކީ ރަށގެ ކައުންސިލްގެ އެއްބާރުލުމާއި އެކު، އާއްމު ރައްޔިތުން ގުޅިގެން އެރަށުގައި ހިންގުނު މިފަދަ އެންމެ ބޮޑު އިޖުތިމާއީ މަސައްކަތްކަމަށް މާޖިދު ވިދާޅުވިކަމަށްވެސް ޕީއެސްއެމްގައި ވެއެވެ.
https://www.facebook.com/mangraphy/videos/3366036343621542
މާލެއަތޮޅު ކައުންސިލްގެ މެމްބަރު މާޖިދު ސުލައިމާނަކީ މިމަސައްކަތުގައި އަމިއްލަ ހައިސިއްޔަތުން އަމަލީ ގޮތުން ހަރަކާތްތެރިވި ބޭފުޅެކެވެ. މާޖިިދުގެ އިތުރުން އެރަށުގެ ހެޔޮއެދޭ ގިނަ ބަޔަކު މިމަސައްކަތަށް އެހީތެރިވެފައިވާއިރު، އޭގެތެރެއިންވެސް އެރަށުގެ ރައްޔިތެއްކަމުގައިވާ މުމްތާޒު ޖަލީލު ފާހަގަކޮށްލެވޭކަމަށާއި، އަދި މަޝްރޫއުގެ މަސައްކަތް ހިންގައި ބަލަހައްޓައި ދިނުމުގައި، މުހައްމަދު ވިސާހްކޮށްދެއްވި މަސައްކަތްވެސް ފާހަގަކޮށްލެވޭޖަނަށްވެސް މާޖިދުވަނީ ވިދާޅުވެފައެވެ.

ކާށިދޫގައި ހެދި ހިތްގައިމު މިފާލަން ހަދާފައި ވަނީ، ކޮންކްރީޓާއި ނިރޮޅުންނެވެ. ފާލަން އަޅާފައި ވަނީ ކުރިން ކާށިދޫގައި، އޮތް ބޮޑުގެ ފާލަން އޮތް ތަނާއި ކައިރީގައެވެ.




