މަސްތުވެ، ދީނަށް ފުރައްސާރަކުރި ބިދޭސީއެއް މާލެއިން ހައްޔަރު ކޮށްފި

ރޭ މާލޭ މަގުމަތިން މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހަދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި ވީޑިއޯ އިން އޭނާ ދީނަށް ފުރައްސާރަކޮށް އަޑުގަދަކުރާ މަންޒަރު ފެނިގެންދެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓް ލިބުމުން އެ ސަރަހައްދަށް ގޮސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މަގުމައްޗަށް މީހަކު ވެއްޓިފައި އޮޔް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ބެލެވޭތީ އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހަކީ އަވައްޓެރި އިންޑިޔާ އަށް ނިސްބަތްވާ މީހެކެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިމީހާ ވަނީ ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓްތަށް އެމީހާގެ މުށުތެރޭގައި ވާކަމަށް ބުނެ އެސަރަހައްދުގައި ތިބި މީހުނަށް އިންޒާރުދީ ބިރު ދައްކާފައެވެ. މި މީހާ ދީނަށް ފުރައްސާރަ ކުރަމުންދިޔަ އިރުވެސް ފުލުހުން އެމަންޒަރު ބެލުމަށް އެސަރަހައްދުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި މީހާ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން ދޭތޯ ސުވާލުކުރުމުން ފުލުހުންގެ ފަރާތުން މިހާތަނަށް މިކަމަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ