އިންގްލިޝް ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ކުޅުނު މެޗު ފަޞޭޙަކަމާއެކު ޗެލްސީއިން ކާމިޔާބުކޮށްފިއެވެ.
ސްޓެމްފޯޑު ބްރިޖުގައި ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހުރިހާ ލަނޑުތަކެއްވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޗިލްވެލް ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ޒޫމާ ޖަހާދީފައިވަނީ ލިބުނު ހިލޭ ޖެހުމެއްގައި ބޮލުންނެވެ. އަދި ޗެލްސީގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑަކީ ލިބުނު ދެ ޕެނަލްޓީގައި ޖޯޖީނިއޯ ކާމިިޔާބުކޮށްދިން ދެލަނޑެވެ. އެންމެފަހުން ޕްރިމިއާ ލީގު މެޗެއްގައި ދެ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ކޯޗު ލަމްޕާޑެވެ. އެއީ 2010 ވަނަ އަހަރު އެސްޓަންވިލާއާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗެއްގައެވެ.
Chelsea do the damage in the second half ????#CHECRY pic.twitter.com/23XUQpJtbA
— Premier League (@premierleague) October 3, 2020
މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އުމުރުން 23 އަހަރުގެ ޗިލްވެލް ލެސްޓާ ދޫކޮށް ޗެލްސީއާއި ގުޅުނީ މިއަހަރުގެ އޮގަސްޓް 26 ގައެވެ. މިމެޗަކީ ޕްރިމިއާ ލީގުގައި ޗެލްސީއަށް އޭނާ ކުޅެދޭ ފުރަތަމަ މެޗެވެ. އަދި ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހައި އެސިސްޓެއް ހެދި ތިންވަނަ ކުޅުންތެރިޔާއަށްވެސް އޭނާވަނީ ވެގެންގޮސްފައެވެ. މީގެކުރިން ލީގުގައި ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖަހާ އެސިސްޓް ހަދާފައިވަނީ ޑެކޯއާއި މޮރާޓާއެވެ.
އަދި މިމޮޅާއެކު ޗެލްސީވަނީ ގަދަ ހަތަރަކަށްވެސް ޖެހިލާފައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ޗެލްސީ ތާވަލްގެ ހަތަރުވަނާގައި އޮތްއިރު، ހަ ޕޮއިންޓާއެކު ފަސްވަނާގައި އެސްޓަންވިލާ އޮތީ ޗެލްސީއަށްވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.




