އަފްގާނިސްތާނުގެ ސަރުކާރު އިމާރާތަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 13 މީހުން މަރުވެ 30 ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
އަފްގާނިސްތާނުގެ އިރުމަތީ ޕުރޮވިންސެއްގައި ދިން މި ހަމަލާގައި ހަނގުރާމަވެރިން ވަނީ އިމާރާތުގެ ތެރެއަށްވެސް ވައްނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިމާރާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަންތިބި ފުލުހުންވަނީ އިމާރާތުގެ ތެރެއަށް ވައްނަން އުޅުނު ހަނގުރާމަވެރިންނަށް ހަމަލާދީ މަރާލައިފައެވެ.
ކާރު ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން އަށް މީހުންނަކީ އާމުން ކަމަށާއި މި އިމާރާތައް ހަނގުރާމަވެރިން ހަމަލާދީފައިވަނީ އަފްގާނިސްތާނުގެ އަސްކަރިއްޔާގެ އޮފީސްތަކެއް އެސަރަހައްދުގައި ހުރުމުން ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން އުފުލައިފައި ނުވާއިރު އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުންނާއި އަދި ތޯލިބާނު ޖަމާއަތުން އަފްގާނިސްތާނުގެ ސަރުކާރާއި ދެކޮޅަށް ދޭތެރެދޭތެރެއިން މިފަދަ ހަމަލާތައް އަންނަނީ ދެމުންކަން ފާހަގަ ކޮށްލެވެއެވެ.
ކާރު ބޮމުގެ ހަމަލާގައި ގިނަ ބަޔަކު މަރުވެފައި މިވަނީ އަފްގާނިސްތާނުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަށް ސަރުކާރާއި އަދި ތޯލިބާނުންގެ އިސްވެރިންނާ ދެމެދު ގަތަރުގެ ދޯހާގައި ބައްދަލުކުރައްވަމުންދާ ވަގުތެއްގައިކަން ފާހަގަ ކޮށްލެވެއެެވެ.




