ރާއްޖޭގައި އިންޑިއާ މީހަކު އިސްލާމްދީނަށް ފުރައްސާރަކުރުމުން ފުލުހުން ހުރީ ހަނު!

އަވަށްޓެރި އިންޑިއާގެ ރައްޔިތަކު ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި، މާތްވެގެންވާ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރި މައްސަލަ ބަލަމުންދޭތޯ ސުވާލުކުރުމުން ފުލުހުން "ސާފުބަހުން" ޖަވާބުދެއްވަން އިންކާރުކޮށްފިއެވެ.

ރޭ މާލޭ މަގުމަތީ މަސްތުގެ ހާލަތުގައި ހުރެ އިންޑިއާ ރައްޔިތަކު ވަނީ މާތް ﷲ އަށް ހުތުރު ބަސްބުނެ، އިސްލާމްދީނަށް ފުރައްސާރަކޮށް، ރާއްޖޭގެ ކޯޓުތަކާއި ޤާނޫނުތަކަށް ގޮންޖަހައި ވާހަކަދައްކާފައެވެ. މިގޮތަށް ވާހަކަދައްކާފައިވަނީ ފުލުހުންވެސް އެތަނުގައި މަންޒަރުބަލަން ތިއްބާމެއެވެ.

މި ނޫހުން ރޭ 10:44 ގައި ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި ކުރި ސުވާލަށް ޖަވާބުދެއްވައި، މި މީހާ މަސްތުގެ ހާލަތުގައި ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭ މެންދަމުން އަލިވެ 12:25 ގައެވެ. އޭރު ފުލުހުން ވިދާޅުވީ މަގުމައްޗަށް ވެއްޓިފައި އޮއްވާ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކޮން ޤައުމެއްގެ މީހެއްތޯ ރޭ މެންދަމު 12:27 ގައި ނޫސްވެރިޔަކު ވަނީ ފުލުހުންނާ ސުވާލުކޮށްފައެވެ. އަދި މިއަދު ހެނދުނު 09:31 ގައި އިތުރު ނޫސްވެރިއަކު ވަނީ އެމީހާ ފުލުހުންގެ ހައްޔަރުގައި ހުރިތޯ ސުވާލުކޮށްފައެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން މިއަދު ހަވީރު 05:00 ގައި ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި، އެމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ވިދާޅުވެފައެވެ.

މިއާއެކު އަނެއްކާވެސް މިއަދު ހަވިރު 05:03 ގައި މިނޫހުން ވާނީ، އެމީހާ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ބަލަމުންދޭތޯ ފުލުހުންނާ ތަކުރާރުކޮށް ސުވާލުކޮށްފައެވެ. އަދި އެމީހާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާކަމުގެ މަޢުލޫމާތު ލިބިގެން މިރޭ07:50 ގައި ވާނީ އެކަންވެސް ސާފުކޮށްދިނުމަށް ފުލުހުންނާ ސުވާލުކޮށްފައިވާނެއެވެ. އެއާއެކު މިރޭ07:54 ގައި ފުލުހުން ވިދާޅުވީ، އެމީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

"މަސްތުގެ ހާލަތުގައި މަގުމަތީ އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުން. އެމައްސަލަ އާއި ގުޅިގެން އޭނާ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައި. އެހެންނަމަވެސް އޭނާގެ މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

އިންޑިއާގެ ރައްޔިތަކު މާލޭ މަގުމަތީ މަސްވުވެގެންހުރެ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަމުންދޭތޯ ތަކުރާރުކޮށް އެހުމުންވެސް ފުލުހުން "ހަނު" ހުންނެވުމުން މިނޫހުން ވާނީ މިރޭ07:55 ގައިވެސް ފުލުހުންނާ އެ ސުވާލު ކުރިމަތިކުރުވާފައެވެ. އަދި އޮންލައިން ނޫސް "ސަން"، "ދިޔަރެސް" ގެ އެޑިޓަރުންވެސް ވަނީ މިކަމާ ގުޅޭގޮތުން ފުލުހުންނާ ސުވާލުކޮށްފައެވެ.

ތަކުރާރުކޮށް ސުވާލުކުރުމުން ފުލުހުން "ހަނު" ހުންނެވުމަށްފަހު މިރޭ09:58 ގައި ފުލުހުން ވިދާޅުވީ، އެ ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަޙްޤީޤުކުރަމުންދާ ކަމަށާއި، ތަޙްޤީޤުގެ ތެރެއިން ފުލުހުން ބަލަންޖެހޭ "އެންމެހާ ކަންކަން ބަލާނެ ކަމަށެވެ.

ފުލުހުންގެ މި ޖަވާބާއެކު އޮންލައިން ނޫސް "ސަން" އަދި "ވަގުތު" ގެ އެޑިޓަރުން ވަނީ އަނެއްކާވެސް ސުވާލު ތަކުރާރުކުރުމުގެ ގޮތުން، އިންޑިއާގެ އެ މީހާ އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަމުންދޭތޯ ސުވާލުކޮށްފައެވެ. ނަމަވެސް އެހިސާބުންވެސް އެ ސުވާލަށް "ސާފު ޖަވާބެއް" ދެއްވަން ފުލުހުން ވަނީ ފަސްޖެހިފައެވެ.

"ހަމައެކަނި ދީނަށް ފުރައްސާރަކުރި މައްސަލައެއް ނޫން. އޭނާ މަސްތުގެ ހާލަތުގައި އާއްމު ތަނެއްގައި ހުރެ ހިނގާދިޔަ ހުރިހާ ކަމެއްވެސް ފުލުހުންގެ ތަޙްޤީޤުގައި ރިއާޔަތްކޮށް ޖިނާއީގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ބަލަމުންދާނެ ވާހަކަ ދެންނެވިން. އަދި ތަޙްޤީޤުން އިތުރު މަޢުލޫމާތު ލިބެމުންދާ މިންވަރަކުން މީޑިއާތަކަށް ހިއްސާކޮށްދޭނަން." ދިވެހި ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިންޑިއާ ރައްޔިތަކު މާލޭ މަގުމަތީ މަސްތުގެ ހާލަތުގައި ހުރެ، ޤައުމުގެ ޝަރުއީ ނިޒާމާއި ޤާނޫނުތަކަށް ގޮންޖަހައި، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާއިރު، އެމީހާ ދީނަށް ފުރައްސާރަކުރި މައްސަލަ ބަލަމުންދޭތޯ ނުވަތަ ނުދޭތޯ ސާފު ބަހުން ޖަވާބެއް ދެއްވަން ކެރިވަޑައިނުގަނެ "ފަސްޖެހެނީ" ކީތްވެކަމާމެދު ނޫސްވެރިންވެސް ވަނީ ސުވާލުއުފައްދާފައެވެ.

ދިވެހި ރައްޔިތުން ޖަވާބު ބޭނުންވާނޭ މިފަދަ މުހިންމު ކަންކަމުގައި "ސާފު ބަހުން" ޖަވާބު ދިނުމަށް ފުލުހުން އިންކާރު ކުރަމުންދިއުމަކީ މިކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާނެކަމާމެދު ގިނަބަޔަކު ސުވާލު އުފެއްދުމުގެ ފުރުޞަތު ފަހިވާނޭ ޒާތުގެ ކަންކަމެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ