ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ވިލަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމެއްޖެއެވެ.
އެތުލެޓިކޯ ދަނޑުގައި ކުޅުނު މިމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ސުމެއް ކަނޑުވަން ދެޓީމުންވެސްވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. އަދި މެޗުގައި ވިލަރެއާލްއިންވަނީ އެތުލެޓިކޯއަށް ވަރަށް ނުރައްކާކޮށްފައެވެ. އެގޮތުން ވިލަރެއާލްގެ މާރިއޯގެ ހަމަލާ ފާހަގަކޮށްލެވެއެވެ. އޭރިއާ ބޭރުން މެއިން ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު މާރިއޯ ފޮނުވާލި ހޫނު ހަމަލާ ދިފާޢުކުރީ އެތުލެޓިކޯގެ ކީޕަރު އޮބްލަކްއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނީ، މިއީ ބޭނުންވި ނަތީޖާ ނޫންކަމަށާއި، ނަމަވެސް މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭކަމަށެވެ. ވިލަަރެއާލްއަކީ ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅު ކުޅުމެއް ކުޅޭ ޓީމެއްކަމަށާއި، އަދި މެޗުގައި އެކަން ފެނިގެންގޮސްފައިވާކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން އެތުލެޓިކޯއިން ވިލަރެއާލްއަށް އުނދަގޫކުރިނަމަވެސް ނިންމުންތައް ގޯސްވީކަމުގައިވެސް ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯއިން ސީޒަން ފައްޓާފައިވަނީ ބޮޑު މޮޅަކާއެކުގައެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ގްރަނާޑާއަތުން އެތުލެޓިކޯ މޮޅުވެފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އޭގެފަހުން އެތުލެޓިކޯ ކުޅުނު ދެ މެޗުވެސް ނިމިގެންދިޔައީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.




