ކޮވިޑް-19 ގެ ނުރައްކާތެރިކަން މާލޭގައި އިތުރުވުމާއި އެކު، ސުކޫލް ތަކުގެ ކިޔެވުން މަހަކަށް ވުރެ ގިނަ ދުވަހު ހުއްޓާލާފައި އޮތުމަށްފަހު މާލޭސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9-12 އިގެ ދަރިވަރުންނަށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި ކީ ސްޓޭޖް 4 އަކާއި 5 އެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ ކޮވިޑް-19ގެ މިހާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީންކަމަށެވެ.
އަދި މިހާރެކޭ އެއްފަދައިން އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށިއެވެ. އޭރުވެސް މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. އަދި ކޮވިޑް-19 ކޭސްއެއް ނެތް ރަށްތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުންދެއެވެ.
އެހެންނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާން ފެށުމާއެކު މިޑް ޓާރމަށް ބަންދުކުރުމަށްފަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައެއް ނުވެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށެވެ. މީގެ އިތުރުން ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީން އޭލެވެލް އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައެވެ.




