އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށް، އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފިއެވެ
ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އަހްސަން އުލް ހަސަން އާއި، 41 އަހަރުގެ މުހައްމަދު އަލީ ބާއިގް އާއި، 22 އަހަރުގެ މުހައްމަދު ސާދު ވަރްސީ ގެ އިތުރުން 34 އަހަރުގެ އަބްދުﷲ އަލީ ހަސަން ކަމަށެވެ. މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެންކަމަށެވެ.
އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާކަމަށާއި އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވާކަމަށާއި މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުއްރިކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިކަމަށެވެ.



