ޤަވާއިދާ ހިލާފަށް ވިލިމާލެ ހުސްބިންތަކުގައި ބަހައްޓާ ބޭނުންކުރަމުންދާ ތަކެތި ނެގުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، ވިލިމާލޭގެ ހުސްބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން އެއިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ޤަވާޢިދާއި ޚިލާފް ކަމަކަށް ވާތީއާއި މިކަމުގެ ސަބަބުން ރަށު ތެރެ ސާފުކޮށް ބެލެހެއްޓުމަށް އުދަނގޫ ވަމުން ދާތީވެ، މިއަދުން ފެށިގެން (05 އޮކްޓޫބަރު 2020، ހޯމަ) 48 ގަޑިއިރުތެރޭގައި ހުސްބިންތަކުގައިވާ ތަކެތި (ޓިނު ބިއްގަނޑު، ދައު، ލަކުޑި، ދަގަނޑު، ފުޅި، ހަން ބުރި، ގޯނި ފަދަ ތަކެތި) ނެންގެވުމަށްފަހު ތަން ސާފުކުރުމަށް އަންގައި އިޢުލާންކުރާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މިމުއްދަތު ހަމަވުމުން ނުނަންގަވާ ހުރި ބިއްގަނޑުތައް ރޫޅާލުމާއި ތަކެތި ނެގުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއިއެކު މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދާނެ ކަމަށެވެ.
މިގޮތަށް ނެގޭ ތަކެތި ކުނި މެނޭޖްކުރުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލެވޭނެ ކަމުގައި ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
