ދިވެހި ރާއްޖޭގައި ކަނޑުގެ އަޑީގެ ޑޭޓާ ސެންޓަރެއް ޤާއިމް ކުރުމުގެ ފުރުޞަތު އޮތްކަން މިނިސްޓަރ އިފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ހާމަކުރައްވައިފިއެވެ.
މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ ޖަޕާނުގެ ފަރާތުން ބޭއްވި ސައިންސް އެންޑް ޓެކްނޯލޮޖީ އިން ސޮސައިޓީ (އެސް.ޓީ.އެސް) ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައިންސް އެންޑް ޓެކްނޯލޮޖީ ހިޒް އެކްސެލެންސީ އިނޯ ޝިންޖީގެ އިތުރުން 49 ޤައުމެއްގެ ސައިންސް އެންޑް ޓެކްނޯލޮޖީ އާއި ބެހޭ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ކޮވިޑް-19ގެ މި ހާލަތުގައި ސައިންސް އާއި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވިގެންދިޔަ ބައްދަލުވުމެކެވެ.
އެސް.ޓީ.އެސް ފޯރަމް ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ބައެއް މުހިއްމު ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ކޮވިޑް-19އަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެއަށް ބަލާނަމަ މޫސުމަށް އަންނަ ބަދަލުތަކަކީ އެންމެ ބޮޑެ މައްސަލަކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކާބޮތަކެތީގެ ރައްކާތެރިކަމާއި، ތިމާވެއްޓާއި ރައްޓެހި ހަކަތަ އަކީ މި ކުދި ޖަޒިރާ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެހިކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ދެކެވަޑައިގަންނަވާ ގޮތުގައި ސައިންސް، ޓެކްނޯލޮޖީ އާއި އިނޮވޭޝަން ގެ އެހީގައި މި ހައްލުތައް ހޯދިދާނެއެވެ. އަދި ކޮވިޑް-19ގެ މި ކާރިސާއިން ރިސާޗް އެންޑް ޑެވެލޮޕްމަންޓް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމާއި، އިންޓަރނެޓްގެ މުހިއްމު ކަން އިތުރަށް ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ބޭނުންކުރެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރުމަށް މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކަނޑުގެ މަގަށް ބަލާކަމުގައި ވާނަމަ ދިވެހިރާއްޖޭ އޮތީ އެންމެ މުހިއްމު ޝިޕިން ރޫޓްގައި (އިރުމައްޗާއި ހުޅަނގު ގުޅާލެވޭ ރޫޓް) ކަމާއި، ރާއްޖޭގެ ކަނޑު އަޑީގެ ސީބެޑް ހުރިގޮތުން ކަނޑު އަޑީގައި ޑޭޓަރ ސެންޓަރުތަކެއް ގާއިމުކުރުމުގެ ރިސާޗް އަށް އެންމެ ކަމުދާ ގައުމުކަން ފާހަގަ ކުރެއްވިއެވެ. އަދި މިހާރުވެސް ދިވެހިރާއްޖެއަކީ ކަނޑުއަޑީގެ ކޮޓަރިތަކާއި، ރެސްޓޯރަންޓުތައް ހުރި ޤައުމަކަށް ވެފައި ދިވެހިރާއްޖޭގައި ކަނޑު އަޑީގެ ޑޭޓަރ ސެންޓަރ އެއް ޤާއިމުކުރުމުގެ ދޮރު ހުޅުވާލެވިފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި، ޓެކްނޯލޮޖީ ކުންފުނިތަކަށް މިނިސްޓަރ ވަނީ ދައުވަތު އަރުވާފައެވެ.
ޓެކްނޯލޮޖީ އާއި އިންޓަރނެޓް އިން ލިއްބައިދޭ ފައިދާ ބޮޑު ކަމުގައިވީ ނަމަވެސް މީގެ ސަބަބުން މުޖުތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް އައިސްފައިވާ ކަމަށާއި އެހެންކަމުން ޑިޖިޓަލް ޑެވެލްމަންޓް ގައި ސޯޝަލް ސައިންސްގެ ރޯލު އިތުރަށް ފުޅާ ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޖަޕާނުގެ އިސްނެގުމެއްކަމުގައިވާ ސޮސައިޓީ 5.0 އަކީ މިނިސްޓަރ ތަރުހީބުދޭ ސޯޝަލް މޮޑެލް އެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ވަނީ މުސްތަގުބަލުގައި ޖަޕާނާއި އެހެނިހެން ޤައުމުތަކާއި އެކު ސޮސައިޓީ 5.0 އަކަށް މަސައްކަތް ފެށުމުގެ އުއްމީދުކުރާ ކަމަށް ވިދާޅުވެފައެވެ.
އެސް.ޓީ.އެސް ފޯރަމް އުފެދިގެންދިޔައީ ނޮވެންބަރު 2004 ވަނަ އަހަރު އެވެ. 2004 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގައި ޖަޕާނުގެ ކިޔޯޓޯގައި އެސް.ޓީ.އެސް ފޯރަމް އަންނަނީ ބޭއްވެމުންނެވެ. މި ފޯރަމް އަކީ ސައިންސް އާއި ޓެކްނޯލޮޖީގެ އެހީގައި އިންސާނުންގެ ދިރއުޅުން ފަސޭހަ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، ދާއިރާއަށް ހުރި ގޮންޖެހުންތަކާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސް އާއި ޓެކްނޯލޮޖީގެ ދާއިރާގެ ލީޑަރުންގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ.



