ޑިޕޭ ބާސެލޯނާއާއެކު އެއްބަސްވުމަކަށް!

ލިޔޯންއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ތަރި މެމްފިސް ޑިޕޭއަށް ސްޕެއިންގެ އެފްސީ ބާސެލޯނާއެކު އެއްބަސްވުމަކަށް އަތުވެއްޖެކަމަށް ލިޔޯންގެ ސްޕޯޓިން ޑިރެކްޓަރު ޖޫނިއޯ ބުނެފިއެވެ.

ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި ޖޫނިއޯ ބުނީ، އެކަން ފޮރުވަން ނެތިންކަމަށާއި، ޑިޕޭއާއި ބާސެލޯނާ އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އެހެންނަމަވެސް ޑިޕޭ ބާސެލޯނާއާއި ގުޅޭނެ ވަކި ތާރީޚެއް ނޭނގޭކަމަށްވެސް ޖޫނިއޯވަނީ ބުނެފައެވެ.

ލިޔޯން ދޫކޮށްލަން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރޭ ދެކުޅުންތެރިންނަކީ ޑިޕޭއާއި މެދުތެރެއަށް ކުޅޭ ހޯސެމްއެވެ. ޑިޕޭއަށް ބާސެލޯނާއިން ފާރަލަމުން އަންނައިރު، ހޯސެމް ހޯދުމަށް އާސެނަލްއިން މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ފްރެންޗް ލީގު 1 ގައި ރޭ ލިޔޯންއާއި މާސޭ ކުޅުނު މެޗުގައިވެސް ޑިޕޭ ކުޅެފައެއްނުވެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

އުމުރުން 26 އަހަރުގެ ޑިޕޭއަކީ ބާސެލޯނާގެ މިހާރުގެ ކޯޗު ކޫމަން ނެދަލެންޑްގެ ޤައުމީ ޓީމުގެ ކޯޗަކަށްހުރިއިރު ވަރަށް ޤަޔާވާ ކުޅުންތެރިއެކެވެ. ނެދަލެންޑް ޤައުމީޓީމަށް އެންމެފަހުން ކުޅެދިން 18 މެޗުން 11 ލަނޑު ކާމިޔާބުކޮށްފައިވާ ޑިޕޭ ލިޔޯންއަށް ކުޅެދިން 144 މެޗުން 58 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މިދިޔަ ސީޒަންގައި ލިޔޯންއަށް ކުޅެދިން 22 މެޗުން ޑިޕޭވަނީ 15 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެކުރިން ޕްރިމިއާ ލީގުންވެސް ފެނިފައިވާ ޑިޕޭއަށް އެލީގުގައި މާ އެދެވޭކުޅުމެއް ދެއްކިފައެއް ނުވެއެވެ. 2015 އިން 2017 އަށް މެންޗެސްޓާރ ޔުނައިޓެޑުގައި ޑިޕޭ ހޭދަކޮށްފައިވާއިރު، ޔުނައިޓެޑަށް ކުޅެދިން 53 މެޗުން ކާމިޔާބުކުރެވުނީ އެންމެ 7 ލަނޑެވެ.

ބާސެލޯނާގެ ފޯވާޑު ސުއަރޭޒް ވިއްކާލާފައިވުމުން އެމަޤާމަށް އިތުރު ކުޅުންތެރިޔަކު ހޯދަން ކޯޗު ކޫމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ