ތިން ފުލުހަކަށް އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށްކަމަށެވެ.
ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރުދީފައިވާ ކުށުގެ ދައުވާ އުފުލާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ،، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަހީދު އިބްރާހީމް ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިޢުތިރާފުވެފައިކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށްޝަރީޢަތަށް ސާބިތުވާކަމަށް، ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވާކަމަށެވެ.
އެހެންކަމުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 17 / 2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް (މިއީ މީނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން މުޙައްމަދު ވަޙީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.




