އަނެއްކާވެސް ލިވަޕޫލްގެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިފަހަރު ޕޮޒިޓިވްވެފައިވަނީ ޒެރްދާން ޝަކީރީއެވެ. މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ލިވަޕޫލްގެ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ލިވަޕޫލްގެ ތިއާގޯއާއި މާނޭވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިތިންކުޅުންތެރިންވެސް މިހާރު ހުރީ އައިސޮލޭޝަންގައެވެ. އަދި ލިވަޕޫލުން ތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކްލަބުގައި މިވައިރަސް އިތުރަށް ފެތުރެމުންދާކަމުގެ ބިރު މިވަނީ ހީވެފައެވެ. ކްލަބުގެ ގިނަ ކުޅުންތެރިން މިހާރުވެސްވަނީ އިންޓަރނޭޝަނަލް ބްރޭކުގައި ޤައުމީ ޓީމުގައި ބައިވެރިވުމަށް އެކުޅުންތެރިންގެ އަމިއްލަ ޤައުމަށް ދަތުރުކޮށްފައެވެ.
ޝަކީރީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ސްވިސް ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވަނީ މިއަދު ހެނދުނެވެ.
ޔޫކޭގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް އުފެދިދާނެކަމުގެ ބިރު މިހާރުވެސް ހީވެފައިވާއިރު، 28 ސެޕްޓެމްބަރުން 4 އޮކްޓޯބަރަށް ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޮވިޑްގެ 1587 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ޕްރިމިއާ ލީގުން މިދިޔަ ހޯމަ ދުވަހުވަނީ ހާމަކޮށްފައެވެ.
އިޓަލީގެ ޔުވެންޓަސްއިން ކުޅުންތެރިން އިންޓަރނޭޝަނަލް ބްރޭކަށް ދިއުން މިދިޔަ ހޯމަދުވަހު ހުއްޓުވާފައިވަނީ އެކްލަބުގެ ދެ ސްޓާފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.



