ލިވަޕޫލްގެ ސަޑިއޯ މާނޭވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ލިވަޕޫލް އެކަން ކަށަވަރުކޮށްފައިވާއިރު، މާނޭއަށް ކޮވިޑް ޖެހިފައިމިވަނީ އެކްލަބުގެ ތިއާގޯއަށް ކޮވިޑް ޖެހުނުތާ ތިން ދުވަސްފަހުންނެވެ. މާނޭގެ ފަރާތުން ކޮވިޑްގެ އަލާމަތް މަދުމަދުން ފެންނަކަމަށާއި އެހެންނަމަވެސް އޭނާގެ ހާލު ރަނގަޅުކަމަށްވެސް ލިވަޕޫލުން ބުނެއެވެ.
އަދި މާނޭ މިހާރު ހުރީ ސެލްފް އައިސޮލޭޝަންގައެވެ. އެހެންކަމުން ޕްރިމިއާ ލީގުގައި މާދަމާ ރޭ އެސްޓަންވިލާއާއި ދެކޮޅަށް ކުޅޭ މެޗުން މާނޭ ނުފެންނާނެއެވެ.
އުމުރުން 28 އަހަރުގެ މާނޭ މިސީޒންގެ ޕްރިމިއާ ލީގުގައި ޗެމްޕިއަން ލިވަޕޫލަށް މިހާތަނަށް ކުޅެދިން 3 މެޗުން 3 ލަނޑުވަނީ ކާމިޔާބުކޮށްފައެވެ.
މިދި ހޯމަ ދުވަހު ޕްރިމިއާ ލީގުން ހާމަކޮށްފައިވާ ގޮތުން ލީގުގައި ކޮވިޑް-19 އަށް އެންމެފަހުން ކުރި ޓެސްޓުތަކުން 10 ޕޮޒިޓިވް ކޭސްވަނީ ފެނިފައެވެ.
ޕްރިމިއާ ލީގު ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނައިރު ޔޫކޭގައި ކޮވިޑް-19 ގެ ދެވަނަ ރާޅެއް އުފެދިދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ. މިދިޔަ ހުކުރު ދުވަހުވެސް 7000 އާއި ގާތްކުރާ އަދަދަކަށް ޔޫކޭއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާއިރު، 66 މީހަކުވަނީ މިބަލީގައި މަރުވެފައެވެ.




