އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު 12 މީހަކަށް ދީފިއެވެ.
ފުލުހުން ވިދާޅުވީ، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދުނު މީހުންގެ ތެރެއިން 12 މީހަކަށް އެފުރުސަތު ދީފިކަމަށެވެ.
އެގޮތުން މި 12 މީހުންނަށް ފުރުސަތު ދީފައިވަނީ މެއިލް ކޮށްފައިވާ ތަރުތީބުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދި ޕޮލިސް މީޑިއާ އަށް އީމެއިލް ކުރުމަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. އެފުރަސަތަށް އެދި މިއަދުގެ 14:00 އާ ހަމައަށް 24 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ނައްތާލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި ދޫނިދޫގައިކަމަށެވެ.



