ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލާފައެވެ.
ސުޕްރީމް ކޯޓުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގެ އަޑުއެހުންތައް މިއަދު މެންދުރު 01:00 އަށް ތާވަލު ކޮށްފައިވާ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ދައުލަތުން އެދިފައިވާ މައްސަލައިގެ ފަހު އަޑު އެހުމުގައި އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ގިނަ ސުވާލުތަކެއް ދައުލަތަށާއި، ފުލުހުންނަށާއި، އަދި ދައުވާ ރައްދުވާ ފަރާތުގައިވެސް ކޮށްފައެވެ.
ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކުގެ މައްސަލަ ތަހުޤީޤު ކުރަމުންދޭތޯ، މި މައްސަލަ ބަލާ ބެންޗްގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު ޙުޞްނުއްސުއޫދު ސުވާލު ކުރައްވާފައިވާއިރު މިކަމުގައި ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަށް އެކައުޓެއްގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މައްސަލައަކާއި ގުޅުންހުރި ފައިސާތަކެއް ކަމެއް ފުލުހުން ވިދާޅުވެފައި ނުވެއެވެ.
މިކަމާއި ގުޅިގެން ޔާމީން ވިދާޅުވެފައިވަނީ ފުލުހުން އެހެން ވިދާޅުވި ނަމަވެސް އެއްވެސް ބޭންކެއްގައި ހުރި އެމަނިކުފާނުގެ ފައިސާތަކާއި ގުޅޭ ތަހުގީގެއް ނުކުރައްވާކަމަށެވެ. ނަމަވެސް ފުލުހުން ވަކި މައްސަލައަކާއި ގުޅިގެން ވަރަށް ޖެނެރަލް ތަހުގީގެއް ހިންގަމުންދާކަމަށެވެ.
އެދުވަހުގެ އަޑު އެހުމުގައި ފުލުހުން ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާތަކާއި ގުޅޭ ދެ މައްސަލައެއް މިހާރުވެސް ތަހުޤީޤު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.




