ހަފްތާ ބަންދުގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ހަފްތާ ބަންދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާލުވެފައިވަނީ ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމުގެ އިތުރުން، ދެކުނުގެ އަތޮޅު ތަކަށް ހުކުރު ދުވަހު ގިގިރިމާއެކު ވިއްސާރަކުރާނެކަމަށެ ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހުގެ މޫސުމަށް ބަލާލާއިރު މުޅި ރާއްޖެއަށްވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުަތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
އިތުރަށް އެ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ، އަދި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށެވެ.




