ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ މަސްއަލައިގެ އިސްތިޢުނާފުގައި ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ ތަކަކީ ސިޔާސީ ދަޢުވާ ތަކެއްކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ޓްވީޓުކުރައްވާ، ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނުއަށް 5 އަހަރުދުވަހުގެ ޖަލު ޙުކުމެއް މައްސަލަ ކުރިއަށް ދިޔަ އިރު އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިކަން ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
ނަމަވެސް ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ވިދާޅުވެފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވާފައިވާ 8 އެކައުންޓް ފްރީޒް ކުރަން ހުށައެޅިއިރު އެ 8 އެކައުންޓްގައިވާ ފައިސާ އާއި އޭސީސީ އިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކްސްރޯ އެކްއުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި އެ ބެންކްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުޢާމަލާތާއި ގުޅެނީ ކިހިނެތް ކަމެއް ނޭންގޭ ކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓްގައިވާ ފައިސާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާކަމަށްވެސް ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ސްޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.



