އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ލ.ފޮނަދޫގައިކަމަށް ފުލުހުން ވިދާޅުވިއެވެ.
ނައްތާލި ތަކެއްޗަކީ 2018 އޮކްޓޫބަރު 08 ވަނަ ދުވަހުން ފެށިގެން 2020 ފެބުރުވަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ލ.ކައްދޫ އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށްވިދާޅުވީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 31 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 47 ފުޅިބަނގުރާކަމަށެވެ.




