ސްޕެއިންގެ ރެއަލްމެޑްރިޑަށް ކުޅުމަކީ ދެކެމުންނަށް ހުވަފެނެއްކަމަށް މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ބުނެފިއެވެ.
ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޕޮގްބާ ބުނީ، އެހެން ކުޅުންތެރިންނެކޭވެސް އެއްފަދައިން ކޮންމެވެސް ރެއަލްމެޑްރިޑަށް ކުޅުމަކީ އޭނާގެވެސް ހުވަފެނެއްކަމަށެވެ. އެހެންނަމަވެސް މިހާރު އޭނާއަކީ މެންޗެސްޓާރ ޔުނައިޓެޑުގެ ކުޅުންތެރިއެއްކަމަށާއި، ބޭނުންވަނީ ކުރެވެން އޮތް ހުރިހާ މަސައްކަތާއެކު ދެވޭ އެންމެ މައްޗަކަށް މެންޗެސްޓާރ ޔުނައިޓެޑު ގެންދިއުންކަމަށްވެސް ޕޮގްބާ ބުންޏެވެ.
މީގެއިތުރުން މެންޗެސްޓާރ ޔުނައިޓެޑާއެކު މިހާރުވެފައިވާ އެއްބެސްވުން އިތުރުކުރަން ވާހަކަ އަދި ނުދެކެވޭކަމަށްވެސް ޕޮގްބާ ބުންޏެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާން އުޅޭ ކަމަށް ފާއިތުވި އަހަރު މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު، ޕޮގްބާއަކީ ވަރަށް ޤަޔާވާ ކުޅުންތެރިއެއްކަން އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރެއަލްމެޑްރިޑްގެ ކޯޗު ޒިދާންވަނީ ހާމަކޮށްފައެވެ.
ޕޮގްބާ މެންޗެސްޓާރ ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުގެ ޖޫން 30 އަށެވެ. އެ އެއްބަސްވުމުގައިވާގޮތުން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ވަކި ކަންތައްތަކެއް ފުރިހަމަ ނުވެ އޮވެއްޖެނަމަ ޕޮގްބާ ބޭނުންވެގެން ކޮންޓްރެކްޓް އެ ހިސާބުން ނިންމާލުމުގެ އިހުތިޔާރު ޕޮގްބާއަށް އޮވެއެވެ.
އިޓަލީގެ ޔުވެންޓަސް ދޫކޮށް 2016 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑާއި ގުޅުނު ޕޮގްބާއަށް ދިމާވި އަނިޔާތަކުގެ ސަބަބުން މިދިޔަ ސީޒަންގައި އެދެވޭކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިދިޔަ ސީޒަންގައި ޖުމްލަ 22 މެޗު ޕޮގްބާ ޔުނައިޓެޑަށް ކުޅެދީފައިވާއިރު، ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ލަނޑެކެވެ.
ޕޮގްބާ ޔުނައިޓެޑާއެކު 1 ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، ދެފަހަރެއްގެ މަތިން އެފްއޭކަޕްވަނީ ކާމިޔާބުކޮށްފައެވެ. އަދި 1 ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައިވެއެވެ.



