ފޮޓޯ: މިހާރު

އުމުރުން ދުވަސްވީ މީހުން މުޖުތަޢުގެ ކަންކަމުގައި ބައިވެރި ކުރަންޖެހޭ: ޚުތުބާ

އަޅުގަނޑުގެންގެ ތެރޭގައި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މީހުން މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި ބައިވެރިކުރަންޖެހޭ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދަޅުވެއްޖެއެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ކަމޭ ހިތުމާއި އަޅާލުން" މި މަޢުލޫއަށް ދީފައިވާ މިއަދުގެ ޚުތުބާގައި ވިދާޅުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، އެމީހުންގެ ޙައްޤުތައް ދެނެގަނެ، އެޙައްޤުތަކަށް ރައްކާތެރިވެ، އަދަބު އިޙްތިރާމް އަދާކުރުމަކީ މަތިވެރި އަޚްލާޤީ ސިފަތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އެމީހުންނަކީ މިއަދު އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކަށްވިޔަސް ދުނިޔޭގައި ގިނަ ދުވަހު އުޅެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ޤައުމުގެ އިސްރައްވެހިން ކަމަށާއި، އެމީހުންނަށް ދޭންޖެހޭ ހައްޤު ޤަދަރާއި އިހްތިރާމް ދިނުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވައި ވަޞިއްޔަތް ކުރައްވާފައި ވާކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ އިސްލާމީ މުޖުތަމަޢަކީ އެ މުޖުތަމަޢެއްގެ ބޮޑެތި މީހުންނަށް ވަރަށް ޚާއްސަ ޤަދަރަކާއި އިހްތިރާމެއް ދީފައިވާ މުޖުތަމަޢެއްކަމަށާއި، އެގޮތުން ޤުރުއާނާއި ހަދީޘްފުޅުތަކުން މިކަން ސާބިތުވާކަމަށެވެ.

"އަހަރެމެންގެ ކުޑަކުދިންނަށް އޯގާތެރިނުވާ، އަދި އަހަރެމެންގެ ތެރެއިން ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." ހަދީޘްއެއްގައިވެއެވެ.

އުމުރުން ދުވަސްވީ މީހުން މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރި ކުރުމާއި ކަންކަމުގައި މަޝްވަރާއާއި ޚިޔާލު ހޯދުމަކީ ކަންކަމުގައި ބަރަކާތްލައްވާނެ ކަމެއްކަމުގައިވެސް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި، ޢުމުރުން ދުވަސްވީ މީހުންގެ އަގު ވަޒަންކޮށް އިސްދަޢުރެއް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ހަމައެހެންމެ އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް އަންނަ ބަދަލުތަކުން ޢުމުރުން ދުވަސްވީ މީހުން ސަލާމަތް ކުރުމަށްޓަކައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން، ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށް ދިނުމަކީވެސް އެހާމެ ބޭނުންތެރިކަމެއްކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

އެގޮތުން، ޞިއްޙީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރަނގަޅު ވެއްޓެއް އެމީހުންނަށް ހޯދައި ދޭންޖެހޭނެކަމަށާއި، ޢުމުރުން ދުވަސްވީ މީހަކާ މަސައްކަތެއް ޙަވާލުކުރާ ނަމަ، އެ ކަމެއް ޙަވާލުކުރަންވާނީ އޭނާގެ ޞިއްޙަތަށް ރިޢާޔަތްކޮށް، އޭނާއަށް ކުރެވޭނެ، އަދި ހައްޓަށް ލުއި މަސައްކަތެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ އުމުރުން ދުވަސްވީމީހުންނަށް ފުރައްސާރަކޮށް މަލާމަތްކޮށް އުޅުމަކީ މަދުންނަމަވެސް މުޖުތަމަޢުން ފެންނަމުންދާ ހިތާމަވެރި މަންޒަރެއްކަމަށާއި، އެގޮތުން އާއިލާގެ މީހުންގެ ފަރާތުންނާއި ދުރުމީހުންގެ ފަރާތުންވެސް މިފަދަ ފުރައްސާރަތަކާއި ކުރިމަތިލާންޖެހޭކަމަށެވެ.

މާއްދީ ގޮތުންވެސް އުމުރުން ދުވަސްވީ މީހުންނަށް ގެއްލުންދޭކަމަށް ވިދާޅުވެ ޚުތުބާގައި ވިދާޅުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި އެންމެ ގިނައީ އިޙުމާލުވުމުގެ މައްސަލަތައްކަމަށައި، އޭގެ ތެރޭގައި އާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިންވެސް ވެވޭ އިޙުމާލު ހިމެނޭ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތުގެ ފައިސާ އެމީހުންނަށް ނޭނގި ބޭނުން ކުރާ މަންޒަރު މުޖުތަމަޢުން ފެންނަމުންދާކަމަށާއި، އަދި އުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒު ތަކަށް މީހުން ފޮނުވާކަމުގައިވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ އެމީހުންނަކީ އެމީހުންގެ ޒުވާން ކަމުގެ ހަކަތަ ޤައުމާއި ދަރިންނަށްޓަކައި ހޭދަކުރި އިސްރައްވެހިންކަމަށާއި އެމީހުންނަށް މުޖުތަމަޢުގެ ފަރުދުންނާއި ޢާއިލާގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު ގެއިން ބޭރުކޮށްލާނީ ތިމާގެ ހަޔާތަށްވެސް އެދުވަސް އަންނާނެކަމުގެ ވިސްނުމެއް ފިކުރެއް ނެތިކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ