އިންޓަރމިލާންގެ ތިން ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޓަރމިލާންގެ ތިން ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އިންޓަރއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޅުންތެރިންނަކީ، މިޑްފީލްޑަރު ނައިންގޮލަން އަދި ގަލިއާޑީނީގެ އިތުރުން ގޯލްކީޕަރު ލޮނަޓު ރަނޫއެވެ. މިތިން ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިންޓަރއިން ކަށަވަރުކޮށްދީފައިވާއިރު، ކުރިއަށް އޮތް މެޗުގައި އިންޓަރއިން ބައްދަލުކުރަން ޖެހޭނީ އޭސީ މިލާންއާއެވެ. އިޓާލިއަން ސެރިއާގައި މިލާން ޑާބީގެ ނަމުން މަޝްޙޫރުވެފައިވާ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 17 ގައެވެ.

މިޚަބަރަކީ އިޓަލީގެ ފުޓްބޯޅައަށް ހިތާމަވެރި ޚަބަރެކެވެ. ކޮވިޑްގެ ސަބަބުން މިދިޔަ ހަފްތާގައިވެސް ސެރީއާގެ މެޗެއް ނުކުޅެވަނީ ނިންމާލާފައެވެ. ޔުވެންޓަސްއާއި ނަޕޯލީ ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިއޮތް އެމެޗަށް ނަޕޯލީގޭ ޓީމު ޙާޟިރުވެފައެއް ނުވެއެވެ. އަދި ނަޕޯލީގެ ދެ ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޓިއުރިންއަށް ދަތުރު ނުކުރުމަށް، ނަޕޯލީ ނިސްބަތްވާ ނޭޕަލްސްގެ ސިއްހީ އިދާރާއިން އަންގާފައިވާކަމަށް ރިޕޯރޓްތައް ބުނެފައިވެއެވެ. ނަމަވެސް އިޓާލިއަން ސެރީއާއިން އެމެޗު ކެންސަލްކޮށްފައެއް ނުވެއެވެ. އަދި ޔުވެންޓަސް ޓީމުން ޖާޒީއާއެކު އެމެޗަށް ދަނޑަށް ނުކުމެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ނަޕޯލީ ޓީމު ޙާޟީރުނުވީކަމަށް ބަލައި ޔުވެންޓަސްއަށް އެމެޗުން ތިން ޕޮއިންޓް ދޭނެކަމަށް ލަފާކުރެވެއެވެ. ސެރީއާގެ މައި އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން މެޗުތައް ކެންސަލްކުރާނެ އުޞޫލެއް އެއިދާރާއިން އާންމުކޮށްފައިވާކަމަށެވެ. އަދި ނަޕޯލީ ކޭސް އެޢުސޫލަން ނުފެތޭކަމަށާއި، އެމެޗު ކެންސަލްކުރެވޭފަދަ ނިންމުމެއް އެއްވެސް އިދާރާއަކުން އަޅާފައިނުވާކަމަށެވެ.

ސެރީއާ އިން މެޗު ކެންސަލް ނުކުރީ، ޔޫއެފާ ޕްރޮޓަކޯލްއަށް ފެއްތުމަށެވެ. ޔޫއެފާ ޕްރޮޓަކޯލްގައި ބުނެފައި ވަނީ ގޯލްކީޕަރާއެކު 13 ކުޅުންތެރިން ތިބެއްޖެނަމަ މެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ