ބާސެލޯނާއިން ބޭރުކޮށްލީ މެސީގެ ގާތް ރަޙުމަތްތެރިޔަކަށްވުމުންކަމަށްވެސް ވެދާނެ: ސުއަރޭޒް

ބާސެލޯނާއިން ބޭރުކޮށްލި ސަބަބަކީ ކެޕްޓަން ލިއޮނަލް މެސީގެ ގާތް ރަޙުމަތްތެރިޔަކަށްވުންވެސް ވެދާނެކަމަށް އެކްލަބުގެ ކުރީގެ ފޯވާޑު ލުއިޒް ސުއަރޭޒް ބުނެފިއެވެ.

އީއެސްޕީއެންއަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ ބާސެލޯނާގެ އާ ކޯޗު ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ހިމެނޭކަމަށް އެންމެ ފުރަތަމަ ކޫމަން އޭނާގާތު ބުނިކަމަށެވެ. އަދިި އޭނާ ވިއްކާލީ ކޯޗު ނޫންކަމަށާއި، ނަމަވެސް ބާސެލޯނާގެ ޑިރެކްޓަރުންކަމަށްވެސް ބާސެލޯނާ އަށް 198 ގޯލު ޖަހައިދީ އެ ކްލަބްގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ރެކޯޑް އޮތް ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ބުނީ، މީގެ ދެއަހަރުކުރިންވެސް ބާސެލޯނާއިން އޭނާ ވިއްކާލަން މަސައްކަތްކުރިކަމަށާއި، އެހެންނަމަވެސް އޭނާ ބަދަލުގައި އެމަޤާމަށް ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު ނުލިބެގެން އެކަން ކާމިޔާބުނުވީކަމަށެވެ. އަދި އޭނާ ވިއްކާލަން ބާސެލޯނާއިން ނިންމީ ކެޕްޓަން ލިއޮނަލް މެސީގެ ގާތް ރަޙްމަތްތެރޔަކަށް އޭނާވުމުންކަމަށްވެސް ވެދާނެކަމަށް ސުއަރޭޒް ބުންޏެވެ. ސުއަރޭޒް ބުނިގޮތުގައި މެސީއާއި އެހެން ފޯވާޑުން އެކުގައި ނުކުޅެވޭތީ ބާސެލޯނާގެ ޑިރެކްޓަރުން އަބަދުވެސް ޝަކުވާކުރާނެކަމަށާއި، ނަމަވެސް މެސީއާއެކުގައި ކުޅޭނެ މީހަކު ލިބުމުން ބަލަނީ އެމީހަކު އަވަހަށް ވިއްކާލެވޭތޯކަމަށްވެސް ސުއަރޭޒް ބުންޏެވެ.

ބެލެވޭގޮތުގައި ސުއަރޭޒް އިޝާރާތްކޮށްފައިވަނީ ނޭމާއަށެވެ. މެސީ، ސުއަރޭޒް އަދި ނޭމާ "އެމްއެސްއެން" ގެ ނަމުން މަޝްޙޫރުވި ބާސެލޯނާގެ ފޯވާޑުލައިންއަކީ ދުނިޔޭގައި އުފެދުނު އެންމެ ނުރައްކާތެރި އެޓޭކްކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. އަދި މިތިން ކުޅުންތެރިންގެ އެކުގައި ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއްވެސްވަނީ ހޯދާފައެވެ.

މީގެއިތުރުން ސުއަރޭޒް ބުނީ މެސީއާއި އޭނާ ވަކިކުރީ ކޮންސަބަބަކާކަމެއް ނޭނގޭކަމަށާއި، އޭނާގެ ސަބަބުން މެސީއަށް ބަދަލުތަކެއް އަންނަކަމަށް ބާސެލޯނާގެ ބޯޑުން ހީކުރެވުނުނަމަވެސް، ދުވަހަކުވެސް މެސީގެ ނިންމުމަކަށް ފާޑުކިޔައި، އެނިންމުން ބަދަލުކުރަން މަސައްކަތްކޮށްފައި ނުވާނެކަމަށްވެސް ސުއަރޭޒް ބުންޏެވެ.

ބާސެލޯނާ ދޫކޮށް ވާދަވެރި އެތުލެޓިކޯ މެޑްރިޑާއި ސުއަރޭޒް ގުޅުނީ މިއަހަރުގެ ސެޕްޓެމްބަރު 25 ގައެވެ. އެތުލެޓިކޯއާއިއެކު ސުއަރޭޒް ހަދާފައިވަނީ ދެއަހަރުގެ އެއްބަސްވުމެކެވެ. އެތުލެޓިކޯ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ސުއަރޭޒްވަނީ ދެ ލަނޑުޖަހައި އެއް އެސިސްޓްވެސް ހަދާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ