ހުޅުމާލޭގައި ރޭ މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރިގެންފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ރޭ 12:05 ހާއިރު ހުޅުމާލޭ ސިޓީއޮންލައިން އޭޝިއާ ކައިރިން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު, މާލެ އިން ހުޅުމާލެ އަށް އައި މީހެއްގެ އަތުން 15،000 ޑޮލަރު ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން އެމީހާގެ އަތުން 150،000 ރުފިޔާ ވެސް ފޭރިގެންފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ އެމީހާ ސައިކަލުގައި ހުޅުމާލެ އަށް ފައިސާ ހިފައިގެން އައިތަނުން ހެލްމެޓުގައި އެއްޗަކުން ޖަހައި ވައްޓާލުމަށްފަހު ސައިކަލުގެ މަޑި ހަލާކުކޮށްލައިގެން މަޑިދަށް ހުޅުވުމަށްފަހު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.




