ލޯބީގެ ބަދަލު (05)

(ހަތަރުވަނަ އަދަދާއި ގުޅޭ)

"ބައްޕަ ބޭނުންވަނީ ދަރިފުޅާ ރަނާގެ ކައިވެނި ކުރަން." އާރިމްގެ މޫނަށް އަރާ ކުލަވަރަށް ފަރުވާތެރިކަމާއެކު ބަލަން އިނދެ އާރިފާ ބުނެލިއެވެ. އާރިމްއަކީ އަދި ދުވަހަކުވެސް ބައިންބަފައިންގެ ބަސް ބޮލާލާ ޖެހި ކުއްޖެއް ނޫނެވެ.

"ނޫން. އަހަރެން އަދި މީހަކާ އިންނާކަށް ބޭނުމެއް ނޫން." ކުއްލިއަކަށް މަންމަ ފެށި ވާހަކަޔަކުން އާރިމްގެ މޫނަށް ފޫހިކަން ވެރިވިއެވެ. އަދި ވަގުތުން އެކަމާ އިންކާރުކުރިއެވެ. ހަމައެހެންމެ މަންމައަށް ނުބަލަންވެގެން ފޯނުގެ ސްކްރީނަށް ބަލަންފެށިއެވެ.

"އެއީ ކިހިނެއްވީ؟ ދަރިފުޅު ގަޔާވާ އެހެން ކުއްޖަކު ހުރީތަ؟" އާރިމްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން އިނދެގެން އާރިފާ ސުވާލުކޮށްލިއެވެ.

"ނޫން." އެ އިންގޮތަށް ފޯނަށް ނަޒަރުހުއްޓާލައިގެން އިނދެ އާރިމް ޖަވާބުދިނެވެ. އޭނާ ކުއްޖަކުދެކެ ލޯބިވާކަން ހާމަކޮށްފިނަމަ އެއީ ކޮން ކުއްޖެއްތޯ މަންމަ އަހާނެއެވެ. އަދި އޭގެ ޖަވާބުގައި އޭނާގެ ހިތުން ޖާގަ ދެވިފައިވަނީ ޔާސީންގެ ޙަލާލު އަނބިމީހާއަށްށޭ ބުނާނީ ކިހިނެއްހެއްޔެވެ؟

"ދެން ކިހިނެއްވީ؟ ރަނާއަކީ ނުލާހިކު ރީތި ކުއްޖެއް. ކިޔަވައިގެން ހުރި އަޚްލާޤުވެސް ރަނގަޅު ކުއްޖެއް. ބައްޕަވެސް މަންމަވެސް ވަރަށް ރަނގަޅަށް ދަންނަން ޙަމީދުބެގެ ޢާއިލާ. އެއީ ވަރަށް ރަނގަޅު ބަޔެއް." އާރިފާ ބެލީ އާރިމްއަށް ވިސްނައިދެވޭތޯއެވެ.

"އަހަރެން ނުބުނަމެއްނު އެއީ ގޯސް ކުއްޖެކޭ. އަހަރެން އަދި ކިޔަވަން ބޭނުން. ކައިވެނި ކުރުމަށްފަހު ކިޔަވަން ވަރަށް އުނދަގޫވާނެ." އަވަހަށް އެކަމުން ސަލާމަތްވާން އާރިމްގެ ސިކުނޑިއަށް އެންމެ ފުރަތަމަ އައި ޚިޔާލު ދުލުން ބޭރުކޮށްލިއެވެ.

"އެހެންވިއްޔާ މަންމަ ތިވާހަކަ ބައްޕަ ކައިރީގަ ބުނާނަން." އާރިފާ ބުންޏެވެ.

އެވަގުތަށް ނަމަވެސް އެވާހަކަ ހުއްޓުނީތީ އާރިމްއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަދި ބައްޕަވެސް އެވާހަކަ ދައްކާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ބައްޕަ ކޮށްފާނެ ސުވާލުތަކާއިމެދު ވިސްނަން އޭނާއަށް މަޖުބޫރުވިއެވެ. އޭނާ ކިތަންމެ ހިތްހަމަނުޖެހުނުނަމަވެސް މިކަމުން ދެން ސަލާމަތްވާން އެނދަގޫވާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އެހާ އަވަހަށް ބައްޕައާ ކުރިމަތިލާން ބޭނުން ނުވާތީ އާރިމް އޮތީ އެ ރޭ ކޮޓަރިން ނުނިކުންނަން ނިންމައިގެންނެވެ. ނަމަވެސް އެގޮތަށް ކެތްކޮށްލެވުނީ ދިހައެއްޖަހަންދެނެވެ. ބަނޑު ހައިވެގެން ބަނޑުން އަޑުއަޑު އިވެންފެށުމުން އެންމެފަހުން ޖެހުނީ ކޮޓަރިން ނުކުންނާށެވެ. އެއީ ޢާންމުކޮށް ބައްޕަ ނިދަން ކޮޓަރިއަށް ވަންނަ ގަޑިއެވެ. އެހެންކަމުން އެގަޑީގައި ބައްޕައަށް ނުފެނި ކާލައިގެން އާދެވޭނެކަމުގެ ޔަޤީންކަން އޭނާއަށް އޮތެވެ. އޭރު ސިޓިންގ ރޫމްގައި އޮތީ ފަނޑު އައްޔެކެވެ. މީހެއްގެ ހިލަމެއްވާކަށް ނެތެވެ. އެހެންކަމުން އާރިމްއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި އަވަސް އަވަހަށް ކާގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ކާގެއާ ދިމާއިންވެސް ބޭރަށް އެޅިފައި ހުރީ ފަނޑު އައްޔެކެވެ. ސިއްރު ސިއްރުން ގޮސް އާރިމް ކާގެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅު ހުއްޓުމަކަށް އައީ އެތެރެއިން ފެނުނު މަންޒަރަކުންނެވެ. އޭރު ބައްޕަ އިނީ ކުޑަ ބޯތަށްޓަކަށް އައިސްކްރީމް އަޅައިގެން ވަރަށް ހަމަޖެހިލައިގެން އެ ބޯށެވެ. އާރިމް ދޮރުމައްޗަށް އެރުމާއެކު ބައްޕަގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ.

"އަނހާ! ދަރިފުޅު ކިހިނެއްވީ؟ ނުކައި ހުރީމަ މާ ބަނޑު ހައިވީ ދޯ؟ އަވަހަށް އާދޭ." ސިރާޖު ވާހަކަދެއްކީ ހިނިތުންވުމަކާއެކުގައެވެ. އަނބުރާލާފައި އައިކޮޅަށް ދާން ހިތަށް އެރި ނަމަވެސް އާރިމްއަށް އެގޮތަށް ކަންތައްކުރާކަށް ނުކެރުނެވެ. އެހެންކަމުން މަޑުމަޑުން އެތެރެއަށް ވަދެ އުނދުންމަތީގައި ހުރި ތެލިތަކުގެ މަތި ނަގަން ފެށިއެވެ. އެތަނުން ތެއްޔެއްގައި ތަރުކާރީ އަޅައިގެން ހަދާފައި ހުރި ބަތްކޮޅެއް ހުއްޓެވެ. ބަނޑުހައިކަން ފިލުވާލުމަށްޓަކައި އެވަގުތަށް އެވަރުން ފުދޭނެކަން އެނގޭތީ ކައިރީގައި ހުރި ތަށި ބަންޑުންޖަހާ އެތިން ބަތްކާ ތަށްޓެއް ނަގައިގެން އެއަށް ބަތްކޮޅު އަޅާލުމަށްފަހު އާރިމް އައިސް ބައްޕަ ކައިރީގައި އިށީނެވެ. ދެން ވާނީ ކިހިނެއްކަން އޭރު އާރިމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

"މަންމަ ބުނި ދަރިފުޅު އިތުރަށް ކިޔަވަން ބޭނުންވާ ވާހަކަ." އާރިމް ހީކުރިގޮތަށް ބައްޕަ ފުރަތަމަވެސް އެ މަޢުޟޫއިން ވާހަކަ ފެށިއެވެ.

"އާނ. މާސްޓާރސް ހަދަން ބޭނުން." އާރިމް އިތުރު ތަފްސީލު ދިނެވެ. އޭނާ ދިޔައީ އިސްޖަހައިގެން އިނދެ މަޑުމަޑުން ފަހަރަކު ބަތް ސަމްސަލެއް ނަގާ އަނގަޔަށް ލަމުންނެވެ.

"އެކަމަކު ދަރިފުޅު ކޮންމެހެން އިތުރަށް ނުކިޔެވިޔަސް ބައްޕަގެ ހުރިހާ މުދަލެއް އެއީ ހަމަ ދަރިފުޅުގެ މުދާ. މިހާރުވެސް ބައްޕައާއެކު ވިޔަފާރީގަ ބައިވެރިވާންވީ." ސިރާޖު ކުޑަކޮށް އާރިމްއާ ދިމާއަށް އެނބުރިލާފައި އިތުރަށް އެ މަޢުޟޫއާއިގެން ކުރިއަށް ދިޔައެވެ.

"ކޮންމެހެން ކިޔަވަން ޖެހެނީ މަސައްކަތެއް ނުލިބިދާނެތީއެއް ނޫނެއްނު. ގިނައިން އުނގެނުނު ވަރަކަށް ގިނަ އެއްޗެހި އޮޅުންފިލާނެ." އާރިމް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ކަމުގެ ބާވަތުންނެވެ.

"ރަނާ ހުރީ މިހާރުވެސް ދަރިފުޅާ އިންނަން ތައްޔާރަށް. ކައިވެނިކޮށްގެން ދެކުދިން ބޭރަށް ގޮސް ތިބުމުގެ ހުރިހާ އިންތިޒާމެއް ބައްޕަ ހަމަޖައްސަދީފާނަން. ރަނާ ބޭނުމިއްޔާ ރަނާއަށްވެސް ކިޔަވައިދޭން ބައްޕަ މިހިރީ ތައްޔާރަށް." ސިރާޖު ބޭނުންވާ ގޮތް ހާމަކުރިއެވެ.

"އެކަމަކު ބައްޕާ! އަހަރެން އަދި ކައިވެނިކުރާކަށް ބޭނުމެއް ނޫން. ކިޔަވާ ނިންމާފަ އައިސްވެސް އެކަން ކުރެވިދާނެއެއްނު." އާރިމް ބޭނުންވަނީ ވަގުތީގޮތުންނަމަވެސް އެކަމުން ބޯ ދަމައިގަންނާށެވެ.

"މައްސަލައެއް ނެތް. އެންމެ ގިނަވެގެން ވާނީ ދެ އަހަރެއްނު. ބައްޕަ ޙަމީދުބެއާ ރަނާ ކައިރީގަ ބުނާނަން ދަރިފުޅު ކިޔަވާ ނިމެންދެން މަޑުކޮށްލަދޭށޭ." ސިރާޖު އެންމެ ފަހު ބަސް އިއްވިއެވެ.

ބައްޕަގެ ވިސްނުން ހުރި ގޮތް އާރިމްއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އޭނާ އެއްވެސް ޙާލެއްގައި ރަނާއާ އިންނާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ކިޔަވައިގެން އަންނަންދެން މަޑުކޮށްގެން ހުރުމަކީ ރަނާއަށް ވަރަށް ބޭއިންސާފު ގޮތެކެވެ. އެކަމަކު އެވާހަކަ ބައްޕަމެން ކައިރީގައި ބުނެފިނަމަ އިތުރު ސުވާލުތައް ކުރިމަތިކުރާނެތީ އޭނާ ނިންމީ އެވަގުތަށް ހަނު ހުންނާށެވެ. ފަހުން ވާނެ ގޮތަކާ ކުރިމަތިލާނީ ވަގުތު ޖެހުނީމައެވެ.

ޖެހިގެން އައި ދުވަހު ޔާސީން އާރިމްއަށް ވަރަށް ގުޅިއެވެ. ނަމަވެސް އާރިމް ނިންމައިގެން ހުރީ ދެން ޔާސީންއާ ވާހަކަ ނުދައްކާށެވެ. އޭނާއަށް ވިސްނުނު ގޮތުގައި ނަޝާގެ ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލެވޭނީ އެމީހުންނާ ވީހާވެސް ދުރުގައި ހުރެގެންނެވެ. އެހެންކަމުން އެދުވަހު އޭނާ އައު ނަންބަރެއް ނެގިއެވެ. އަދި ކޮންމެހެން ނަންބަރު ހިއްސާކުރަންޖެހޭ މީހުންނަށް އެކަނި ނަންބަރު ހިއްސާކުރިއެވެ.

ދެ ހަފްތާ ފަހުން އާރިމް މެލޭޝިޔާއަށް ފުރިއެވެ. ދެން އެނބުރި އަންނާކަށް އޭނާ ގަސްދެއްނުކުރެއެވެ. ފަހުން ވާނެ ގޮތަކާމެދު ވިސްނައިގެން މިހާރު ވަގުތުތަކެއް ބޭކާރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. މިވަގުތަށް އޭނާއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެ މާޙައުލާ ވީހާވެސް ދުރަކަށް ދިޔުމެވެ. އޭރުން ނަޝާގެ ޚިޔާލުތަކާ ދުރަށް ދިއުމަށް މަސައްކަތްކުރެވިދާނެއޭ އޭނާ ހީކުރިއެވެ. ނަމަވެސް އޭނާއަށް ނޭނގޭ އެއްޗަކީ ޙަޤީޤީ ލޯތްބަކީ އެހާ ފަސޭހައިން ހިތުން ފިލައިގެންދާނެ އެއްޗެއް ނޫންކަމެވެ. އެއީ އަބަދަށް ހިތުގެ ކަނެއްގައި ފޮރުވިފައި އޮންނާނެ އިޙުސާސެކެވެ.

ދޭތެރެއަކުން ރަނާ ގުޅައެވެ. ބައްޕަމެން ގުޅާފައި ރަނާއާ ވާހަކަ ދެއްކިތޯ އަހާތީ އޭނާއަށް ރަނާއާ ވާހަކަ ނުދައްކާ ހުންނާކަށް ނުކެރެއެވެ. ނަމަވެސް ކިޔެވުމުގެ ބަހަނާ ދައްކާފައި އޭނާ ބަލަނީ ވީހާވެސް ރަނާއާ ވާހަކަ ނުދައްކާ ވޭތޯއެވެ.

ނަޝާގެ ސޫރަ ހިތުން ފުހެލެވޭތޯ އާރިމް ތިން ފަހަރެއްގެ މަތިން ތިން ކުއްޖަކާ ގުޅުން ބަދަހިކުރެވޭތޯވެސް މަސައްކަތްކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާއަށް އެކުދިންގެ މޫނުން ހޯދެނީ ނަޝާގެ ސިފަތަކެވެ. އެ މައުސޫމު މޫނެވެ. އެ ރީތި ބޮޑު ދެލޮލެވެ. ހީލާ ލޯބިވެތި ގޮތެވެ. ނަމަވެސް އެ ހުރިހާ ކަމެއް ފުރިހަމަވާ ކުއްޖަކާ އޭނާއަށް ދިމާވާ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް ފޫހިވެގެން އޭނާ ގުޅުން ކަނޑާލަނީއެވެ. އެންމެ ގިނަވެގެންވެސް ވަނީ ދެމަހެވެ. ރަނާއާ ގަޔާވެވޭތޯވެސް އޭނާ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

ދެއަހަރު ފާއިތުވެގެން ދިޔައީ އެގޮތުގައި އާރިމް ތެޅިތެޅި ހުއްޓައެވެ. އެއްވެސް ޗުއްޓީއެއްގައިވެސް އޭނާ މާލެއަކަށް ނުދެއެވެ. ދޭތެރެއަކުން މަންމަ ނޫނީ ބައްޕަ އޭނާއާ ބައްދަލުކުރަން މެލޭޝިޔާއަށް އާދެއެވެ. އަދި އެ ދެ އަހަރުގެ ތެރޭގައި އެންމެ ފަހަރަކުވެސް އޭނާ ޔާސީން ނޫނީ ނަޝާގެ ޙާލު ބަލާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އިތުރަށް ކެތްނުކުރެވިދާނެތީއެވެ. ކޮންމެގޮތެއްވިޔަސް މީހެއްގެ ޙައްޤެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އަދި ކޮންމެވެސް ދުވަހަކުން އެމީހުންނާ ބައްދަލުވާނެޔޭ އާރިމްގެ ހިތުގައި އަބަދުވެސް އޮވެއެވެ.

ކިޔަވާ ނިމިގެން ހަ މަސް ފާއިތުވެގެންދިޔައިރުވެސް އާރިމް ހުރީ މާލެ ނުދާން ފައި ވިއްދާފައެވެ. ގުޅާ ކޮންމެ ފަހަރަކު މަންމައާއި ބައްޕަ އެތައް އާދޭހެއް ކުރިނަމަވެސް އޭނާ ދިޔައީ އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި މަޑުކުރެވޭތޯ ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެހެން ހުރެވުނީ ހަ މަހާ ދެ ހަފްތާ ވަންދެނެވެ. ލިބުނު ޚަބަރަކުން އޭނާއަށް ޖެހުނީ ގޮތް ދޫކޮށްފައި އެނބުރި މާލެ ދާށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. AaNim

    Varah reethi vaahaka eh dhen oibaa up kuraani Thursday ga Thursday ah inthizaaru kuryveyni waiting for the next part on next Thursday

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ