ކޮޕާ އެމެރިކާ ބޯމަތިވެފައި އޮއްވާ ބްރެޒިލްގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް އަނެއްކާވެސް ނޭމާއަށް އަނިޔާވެއްޖެއެވެ.
އަންނަ ޖޫން މަހުގެ 14 އިން ޖުލައި 7 ކަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ގިނަ ޓީމުތަކުން މިހާރުވަނީ ފަރިތަކުރުންތައް ފަށާފައެވެ.
އުމުރުން 27 އަހަރުގެ ނޭމާގެ ކަކުލަށް ލިބުނު އަނިޔާއަކާއެކު ޓްރެއިނިން ސެސަން ފުރިހަމަނުކޮށްވަނީ ޑޮކްޓަރު ރޮޑްރިގޯ ލަސްމާއާއެކު ދަނޑުން ފައިބާފައެވެ.

ނޭމާއަށް އަނިޔާވެފައިވާކަމަށާއި، އަދި އެނިޔާއަށް ނޭމާ ފަރުވާހޯދަމުން އަންނަކަމަށްވެސް ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ބުނެފައެވެ.
ނޭމާގެ މިއިންޖަރީއާއެކު ބްރެޒިލް ހާސްވެފައިވާއިރު، ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައްޓާ މެޗުގައި ބްރެޒިލް ބޮލީވިއާއާއި ދެކޮޅަށް ނިކުންނާނީ ޖޫން 14 ގައެވެ.
މުބާރާތުގެ ކުރިން ބްރެޒިލުން ރަޙްމަތެރިކަމުގެ ދެމެޗެއް ކުޅޭނެ ގޮތަށްވަނީ ހަމަޖެހިފައެވެ. ޖޫން 5 ގައި ގަތަރާއި ދެކޮޅަށް ނިކުންނައިރު އޭގެ ހަތަރުދުވަސް ފަހުން ބްރެޒިލް ނިކުންނާނީ ހޮންޑޯރަސްއާއި ދެކޮޅަށެވެ.
ކޮޕާ އެމެރިކާގައި ބްރެޒިލްއާއެކު ގްރޫޕް އޭ ގައި ދެންހިމެނެނީ ބޮލީވިއާ، ވެނެޒުއޭލާ އަދި ޕެރޫއެވެ.

މިއަހަރުގެ ޖެނުއަރީމަހު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ނޭމާ އަލުން ކުޅުމާއި ގުޅުނީ މިދިޔަ އޭޕްރީލްމަހުއެވެ. އަލުން ކުޅެއް ނިކުމެ ނޭމާ ޕީއެސްޖީއަށް ކުޅެދީފައިވަނީ އެންމެ 5 މެޗެވެ. އެހެންނަމަވެސް ލީގު 1 ގައި ޖަހައިދިން 15 ލަނޑާއެކު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ފަސްވަނަ ނޭމާވަނީ ހޯދާފައެވެ.
މިދިޔަ ދެސީޒަންގައިވެސް ނޭމާއަށްވަނީ އިންޖަރީގެ މައްސަލަތައް ކުރިމަތިވެފައެވެ.
ނޭމާ އަތުން ބްރެޒިލްގެ ކެޕްޓަން ބޭންޑްނަގައި އުމުރުން 36 އަހަރުގެ ޑެނީ އަލްވޭސްއާއި ޙަވާލުކުރިކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިޢުލާންކުރީ މިދިޔަ ހޯމަދުވަހުއެވެ. ބްރެޒިލްގެ ދާޢިމީ ކެޕްޓަންއަކީ ނޭމާކަމަށް އޭރުގެ ކޯޗުގެ ޓިޓޭ އިޢުލާންކުރީ މިދިޔައަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.



