ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ދަޢުރުވަނީ ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ދެކެވިފައިވާ ވާހަކަތަކެއް: ޕޮލިސް

މީސް މީޑީއާގައި ދަޢުރުވަމުންދާ ވީޑިއޯއަކީ ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަޙްޤީޤު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަ ތަކެއް ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ނެރެފައިވާ ނުސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މީސްމީޑިއާގައި އާންމުކޮށްފައިވާ އެވީޑިއޯ ކްލިޕަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ވިކްޓިމްއާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ތަޙްޤީޤްކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއްކަމަށެވެ.

މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ޤާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުޢާމަލާތެއް ނޫންކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ތަޙްޤީޤަށް ކުރެވޭ އިންޓަރވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަޙްޤީޤްގައި ބައިވެރިވި ފަރާތްތަކުގެމެދުގައި މަޝްވަރާކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަޙްޤީޤްކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓްކުރުމަކީ އާންމު އުސޫލުންވެސް އަމަލުކުރެވޭ ގޮތްކަމަށާއި އެއީ ތަޙްޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

ތަޙްޤީޤުގައި ކުރެވޭ އިންޓަރވިއުއަށްފަހު، ލިޔެވޭ ބަޔާން އިންޓަރވިއު ކުރެވޭ ފަރާތާއި އިންޓަރވިއު ކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށްފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާންޖެހުމަކީ ތަޙްޤީޤުގައި އާންމުކޮށް އަމަލުކުރެވޭ އުސޫލުކަމަށާއި ޚާއްސަކޮށް މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަރވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެފަރާތުން ބޭނުންވާ އިސްލާޙުތައް ގެނައުމަށް ބަޔާނުގެ ސްފްޓް ކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުނަ ހިންގާ ޖިނާޢީ ތަޙްޤީޤްތަކުގައި ބައިވެރިވާ ޤާނޫނީ ވަކީލުން ތަޙްޤީޤްގެ ތެރޭގައި ކުރެވޭ އިންޓަރވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަރވިއު ރެކޯޑިންގެ ބައިތައް ފަދަ ތަޙްޤީޤާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މައުލޫމާތު މިގޮތަށް އާންމުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޞައްވުރު ކިލަނބުވާ ގޮތަށް ހަޤީޤަތާއި ޚިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީސްމީޑިއާގައި ދަޢުރުވާ މި ވީޑިއޯ އަކީ މި ދިޔަ ޖޫންމަހުގެ ތެރޭގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅުން ހުރި ވީޑިއޯއެއްކަމަށް މި ވީޑިއޯ ހިއްސާކުރައްވަމުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ