ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންޑާއޯގެ ނުވަމިލިއަން މީހުންގެ އާބާދީ އެންމެ ފަސްދުވަހުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އެ ސިޓީއިން ނިންމައިފިއެވެ.
މި ނިންމުން އެ ސިޓީއިން ނިންމައިފައިވަނީ، ބޭރުގައުމުތަކުން އަންނަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންނަށް ފަރުވާ ކުރުމަށް ހާއްސަކޮށްފައިވާ ޗިންޑާއޯގެ ޗިންޑާއޯ ޗެސްޓު ހޮސްޕިޓަލާއި ގުޅުންހުރި ކޮވިޑް-19ގެ ކޭސްތަކެއް އެސިޓީއިން ފެނުމާއި ގުޅިގެންނެވެ.
މިގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވާ ހަ މީހުންނާއި ބަލި ޖެހި އަލާމާތް ނުފެންނަ ހަ މީހުންވަނީ އެސިޓީއިން ފެނިފައެވެ.
ޗައިނާއަކީ މީގެކުރިންވެސް ކޮވިޑް-19 އާއި ގުޅިގެން މިފަދަ އެތައް ކުޅަދާނަކަމެއް މުޅި ދުނިޔެއަށް ދައްކުވައިދީފައިވާ ގައުމެކެވެ. މިގޮތުން ކޮވިޑް-19 އެންމެފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ މުޅި އާބާދީގައި ހިމެނޭ 11 މިލިއަން މީހުންވަނީ މެއިމަހުގެތެރޭ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ.
މުޅި ދުނިޔެއިން މިހާތަނަށް 37 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޮވިޑް-19 ޗައިނާގައި މިހާރުވަނީ ފެތުރުން ކޮންޓުރޯލް ކޮށްފައެވެ. ޗައިނާއިން ބަލި ފެތުރުން ކޮންޓުރޯލްކޮށްފައިވަނީ އެބަލި ފެތުރޭ ސިޓީތައް އެކީއެކަށް ބަންދުކޮށްގެންނެވެ.



