ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.
އެގޮތުން އިއްޔެ އެކަނިވެސް 275,516 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އިއްޔެ 3 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ވަނީ 250208 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައެވެ. އަދި އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 3,761 މީހުންނެވެ.
މުޅި ދުނިޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 38 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 38,050,078 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 28,609,250 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,085,493 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 8,037,789 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 5,184,615 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 220,011 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 2,633,163 ކޭސް އެވެ. އަދި އިއްޔެ ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 45,791 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.
އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިންޑިއާ އިންނެވެ. އެގޮތުން އިއްޔެ އިންޑިއާއިން ވަނީ 54,265 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އިންޑިއާ ގައެވެ. އެގޮތުން މި ބަލި ޖެހިގެން އިއްޔެ 710 މީހުން އެގައުމުން މަރުވެފައިވާއިރު ޖުމްލަ މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 109,894 މީހުން މަރުވެފައެެވެ. އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7,173,565 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 6,224,792 މީހުންނެވެ.




