އަދީބަށް އަންނަން އޮތް 800 އަހަރުގެ ހުކުމް މިތިބީ 20 އަހަރަށް ބަދަލުކޮށްފައި ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ، އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ ވައްކަމާ ހިޔާނަތުގެ ވާހަކަ ދައްކަމުން މަޖިލީހަށް އައީ އެ މައްސަލަތައް ބަލަން ކަމަށާއި އަޅުގަނޑުމެން އެ މައްސަލަ ބޮޑުުތަނުން ބަލައިފިން ކަމަށެވެ.
"މިއަދު ރައީސް ޔާމީން އޮންނެވީ ކޮންތާކުތޯ؟ ރައީސް ޔާމީން އޮންނެވީ މާފުށި ޖަލުގައި ވައްކަން ކޮށްގެން ހުކުމް ކޮށްފަ. ކޮބާތޯ އޭރުގެ ނައިބު ރައީސް؟ މިއަދު އެ ހުންނެވީ 20 އަހަރަށް ހުކުމް ކޮށްފަ. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ގޭގަ. މިއަދު އަހްމަދު އަދީބު އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް. މިއަދު އަދިބު ގޭގަ ބަހައްޓައިގެން ބޭސް ކޮށްްޑިދީގެން ވެސް އަދީބުގެ ފުރާނަ ސަލާމަތް ކޮށްގެން އަދީބު ލައްވާ އަޅުގަނޑުމެން ހުރިހާ އެއްޗެއް ނެރުވަން އެބަޖެހޭ." އަހުމަދު ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ މި ރާއްޖެއަށްޓަކާ ހުރިހާ ވާހަކައެއް ދައްކަން ކަމަށާއި އަދިބު އަމިއްލަޔަށް އަދީބަށް ކުރެވުނު ކުށަށް މާފަށް އެދި އެދަނީ ހުރިހާ ވާހައެއް ކިޔައިދެމުން ކަމަށެވެ. މި ސަރުކާރު އެމްއެމްޕީއާރުސީގެ މައްސަލަގައި ކާމިޔާބުކޮށްފި ކަމަށާއި އަދީބަށް އަންނަން އޮތް 800 އަހަރުގެ އަޅުގަނޑުމެން މިވަގުތު މިތިބީ 20 އަހަރަށް ބަދަލުކޮށް ބޭހަށްޓަކާ ގޭގައި ބަހައްޓާފައި ކަމަށް ވިދާޅުވިއެވެ.
"މިއަދު އަދީބަށް ޝުކުރު އަދާކުރަން ވައްކަން ކުރެވި ވައްކަމުގައި އެއްބަސްވެވި، އިއުތިރާފު ވެވި، އެކަމަށް މާފަށް އެދި އެ ވައްކަމުގައި ޖެހުނުހާ މީހެއްގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދިނީތީ" ހަލީމް ވިދާޅުވިއެވެ.




