ހުޅުމާލޭ ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުވާލައިފިއެވެ.

ހުޅުމާލެ "ނެއިބަހުޑް 3" ސަރަޙައްދުގައި ކުރިއަށްގެންދާ "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓްގައި 600 އަކަފޫޓުގެ 16 ޕްލޮޓް ދޫކުރާނެ ކަމަށާއި، މިޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދި ހުށައެޅޭނީ 3 މީހުންގެ ގްރޫޕްހަދައިގެން ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ޕްލޮޓަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ފުރުޞަތު މިމަހުގެ 29 އާއި ހަމައަށް ކުރިއަށްދާނެއެވެ. 18 އަހަރުން މަތީގެ، ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ތިންމީހަކަށްވެސް ގުރޫޕްހަދައި ޕްލޮޓަށް އެދި ހުށައެޅޭނެއެވެ. ކޮންމެ ގްރޫޕަކުން ހުށައެޅޭނީ އެއް ފޯމެވެ. އަދި ކޮންމެ ވަކި ފަރުދަކަށް ބައިވެރިވެވޭނީވެސް އެއް ގްރޫޕްގައެވެ.

16 ޕްލޮޓް 3 ގްރޫޕަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ޕްލޮޓްތަކުގެ 40 އިންސައްތަ ޚާއްސަކޮށްފައި ވަނީ އަންހެނުން ނަށެވެ. ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 30 އިންސައްތަ އަދި އާއްމުކޮށް ހުޅުވާލައިގެން 30 އިންސައްތަ ޕްލޮޓް ދޫކުރާނެއެވެ.

މިމަޝްރޫޢު ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިންމަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެކަމަށް އެޗްޑީސީން ބުނެއެވެ. ހަތަރުވަނަ މަހުން(ދެވަނަ ފިޔަވަހި) ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. އަދި ހަތްވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500 ރުފިޔާ ފީއެއް ދައްކަން ޖެހޭނެއެވެ.

ޕްލޮޓް އެޗްޑީސީން ދޫކުރަނީ ގިނަ ޚިދުމަތްތަކާއިއެކުއެވެ. އެގޮތުން ކޮންމެ ގްރޫޕަކަށް 600 އަހަފޫޓުގެ ބިމާއި، ގަސްކާނާ އާއި ދަނޑުވެރިކަމަށް ބޭނުންވާ އާލާތްތައް ގަނެވޭ ފިހާރައެއް އެ އޭރިއާގައި ހުންނާނެއެވެ. އަދި ގަސް މުޑުވަށް ކުރުމަށް ގްރީން ހައުސް ބޭނުންކުރެވޭނެ ގޮތްތަކާއި، މަސައްކަތްކުރަން ބޭނުންކުރާ ސާމާނު ރައްކާކުރާ ޓޫލް ޝެޑާއި، އާއްމު ފާޚާނަ ބަރިއާއި، މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ކުޑަ ޕާކަކާއި، ސެކިއުރީ ބެލެހެއްޓުމުގެ ޚިދުމަތްވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފުރަތަމަ ހަ މަސްދުވަހަށް ބަހާލައިގެން 25 ކިލޯގެ 25 ބަސްތާ ގަސްކާނާ ކޮންމެ ޕްލޮޓަކަށް ދިނުމާއި، 3 މަހު ފެނާއި ކަރަންޓުގެ ޚަރަދަށް ހޭދަކުރުމަށް 500ރުފިޔާގެ އެލަވަންސެއްވެސް ދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

"ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަކީ އެޗްޑީސީއާއި ޔޫއެންޑީޕީ އާއި އެގްރިކަލްޗަރ މިނިސްޓްރީ އަދި އިކޮނޮ،މިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ރަށުގައި ތިބެގެން މަންފާ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ