ވޯލްޑްކަޕް ކޮލިފައިންގައި ޕެރޫއާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ ހެދި ހެޓްރިކާއެކު މެޗުން މޮޅުވެ ބްރެޒިލުން ތާވަލްގެ އެއްވަނަ ދިފާޢުކޮށްފިއެވެ.
ޕެރޫގައި ރޭ ފަތިޙު ކުޅެވުނު މިމެޗު ބްރެޒިލުން ކާމިޔާބުކޮށްފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 6 ވަނަ މިނަޓްގައި ޕެރޫގެ ކަރިއްލޯ އޭރިއާގެ ބޭރުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކާއެކު ލީޑު ނެގިނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ނޭމާގެ ލިބުނު ޕެނަލްޓީއަކުން ނޭމާވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭރިއާތެރެއިން ނޭމާގެ ޖާޒީގައި ހިފައި ވައްޓާލުމާއި ގުޅިގެން ލިބުނު މިޕެނަލްޓީ ނޭމާ ކާމިޔާބުކޮށްފައިވަނީ މެޗުގެ 28 ވަނަ މިނަޓްގައެވެ.
މޮޅަށް ކުޅެމުންދިޔަ ބްރެޒިލް ހައިރާކޮށްލުމަށްފަހު ދެވަނަ ފަހަރަށްވެސް ޕެރޫއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅުގައި ޓަޕިއާ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި އޭގެ ފަސް މިނަޓްފަހުން ރިޗާލިސަން ބްރެޒިލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން އިރު، ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ފަހަރަށް ބްރެޒިލަށް ނޭމާ ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނަޓްގައެވެ.
އެއް ގޯލު ދަށުގައި އޮތް ޕެރޫއަށް އިތުރަށް މެޗު އުނދަގޫވެގެން ދިޔައީ ފުލުފުލުގައި ޕެރޭގެ ދެކުޅުންތެރިން ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ.
ނޭމާގެ ތިން ވަނަ ލަނޑޫ ފެނިގެން ގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މިލަނޑަކީ ބްރެޒިލްގެ ރިބެއިރޯ ފޮނުވާލި ހަމަލާއެއް އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނޭމާ ކާމިޔާބުކުރި ލަނޑެކެވެ.
މިމޮޅާއެކު ބްރެޒިލަށް ތާވަލްގެ އެއްވަނަ ލިބެނީ ދެވަނާގައި އޮތް އާޖެންޓީނާއަށްވުރެ އިތުރަށް ފައިސާ ފަސް ގޯލް ލިބިގެންނެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މިދެޓީމުވަނީ މޮޅުވެފައެވެ.
އާޖެންޓީނާ ރޭ ބޮލީވިއާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާގެ ލަނޑުތައް މާޓީނޭޒްއާއި ކޮރޭއާ ކާމިޔާބުކޮށްދިންއިރު، ބޮލީވިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މާޓިންސް މޮރޭނޯއެވެ.




