މަތީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއ،ި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް ޒަކާތު ފަންޑުގެ ދަށުން ޚާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލުގެ ދަށުން 14 އޮކްޓޮބަރ 2020 ފެށިގެން މިއަހަރެ ނޮވެމްބަރު މަހުގެ15 ވާ އާދިއްތަ ދުވަހ މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެހީއަށްއެދި ހުށައަޅާ ދަރިވަރުންނަކީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވާން ޖެހޭނެ ކަމަށާއި މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވެސް ވާންޖެހޭނެކަމަށް އެ އިލާނުގައިވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވާންޖެހޭނެ ކަމަށާއި ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުމުގެ އިތުރުން ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެހީއަށް އެދުމަށް ޝައުގުވެރިވާ ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ދަރިވަރުން އެހީއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 15 ނޮވެމްބަރު ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެ މިނސްޓްރީއަށް ހުށައަޅަންޖެހޭނެއެވެ.