ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ކުޑަކުއްޖާގެ މައުލޫމާތު ކޮމިޓީގައި ހާމަކުރެވުނީ އޮޅިގެން: ޕީޖީ

ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ކުޑަކުއްޖެއްގެ މައުލޫމާތު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ހާމަކުރެވުނީ އޮޅުމަކުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަދި މިމައްސަލާގައި ޝަމީމް މަޢާފަށްވެސް އެދިވަޑައިގަތްފައިވާއިރު، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކޮމިޓީގައި ޕީޖީ އޮފީހުގެ ސްޓާފަކަށް އެމަޢުލޫމާތު ޙިއްސާކުރެވިފައިވަނީ އެ ކޮމިޓީ ބްރޮޑްކާސްޓް ކުރަމުން ދާކަން ނޭނގިހުރެ އޮޅުމަކުންކަމަށާއ މިފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނޭހެން އެއޮފީހުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާނެކަމަށެވެ.

ބުދަ ދުވަހު ލައިވް ކުރި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކުއްޖާގެ މައްސަލައިގައި ހާމަވާން ނުޖެހޭ އެތައް ތަފްސީލެއް ވަނީ ހިއްސާކުރައްވާފައެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން، ޖިންސީ އަނިޔާގެ ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ. އަދި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާކަމަކަށްވާއިރު، އެ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރަނީ، ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަކަށް އެ ކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށެވެ.

އަދި މިފަދަ މައްސަލަ ކޯޓަށް ހުށައެޅުމުގެ ބާރު ޖެންޑަަރ މިނިސްޓަރަށް ލިބިދީފައިވާއިރު، ކުށް ސާބިތުވާ މީހުން 10،000ރ. އާއި 15،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް ލިބިދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ