ފަހަތުން އަރައި އެވަޓަންއިން ލިވަޕޫލް ހިފަހައްޓައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އެވަޓަންއިން ލިވަޕޫލް ހިފަހައްޓައިފިއެވެ.

ގުޑިސަންޕާކުގައި މިއަދު ހަވީރު ކުޅެވުނު މިމެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ތާވަލްގެ އެއްވަނާގައި އޮތް އެވަޓަންއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކުރަން ފުރުޞަތު ލިބިގެންދިޔަ މިމެޗުގެ ލިވަޕޫލްގެ ފަރާތުން ނުރައްކާތެރި މޮޅު ކުޅުމެެއް ދެއްކިނަމަވެސް، އެވަޓަންއިން ދޫނުދީ ކުރި މަސައްކަތުގެ ނަތީޖާއިން ތާވަލްގެ އެއްވަނަ މަޤާމުވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ލީޑު ނެގީ މާނޭގެ ލަނޑަކުންނެވެ. މެޗުގެ ތިން ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރޮބާޓްސަން ހުރަސްކޮށްދިން ބޯޅައަކުން މާނޭ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އަދި މިލަނޑަށްފަހު މާގިނައިރުތަކެއްނުވެ އުޅެނިކޮށް ލިވަޕޫލަށް މާޔޫސްކަން ލިބިގެންދިޔައީ އިތުބާރު ޑިފެންޑަރު ވެންޑައިކަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހުމުގެ ސަބަބުންނެވެ. އަދި މިހާދިސާގައި ޕެނަލްޓީއަކަށް ލިވަޕޫލް ކުޅުންތެރިން އެޕީލްކުރިނަމަވެސް އެކަން ކާމިޔާބުނުވީ. އެވަޓަންގެ ކީޕަރު ޕިކްފޯޑު ބޯޅަ ދިފާޢުކުރަން އުޅުމުގެ ތެރޭގައި ވެންޑައިކް ކަކުލަށް އަނިޔާވިއިރު، ވެންޑައިކް ބޯޅަ ކުޅެފައިވަނީ އޮފްސައިޑްގައި ހުރުމަށްފަހުކަމަށް ވާތީއެވެ.

ފުރުޞަތުގެ ބޭނުން ހިފައި އެވަޓަންއިން ހަމަލާތަށް އިތުރަށް ވަރުގަދަ ކުރި އެވަޓަން ނަތީޖާ ހަމަހަމަކުރީ ލިބުނު ކޯނަރެއްގައި ބޮޮލުން ޑިފެންޑަރު ކީން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ދެޓީމު ހަމަހަމަކޮށް އޮވެ ނިމުނުއިރު، ދެވަނަ ފަހަރަށް ލިވަޕޫލް ލީޑު ނެގީ 72 ވަނަ މިނަޓްގައި މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މިއީ ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހު އެކުލަބަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލެވެ. އަދި މާގިނައިރުތަކެއްނުވެ، ރަނގަޅު ފޯމެއްގައި ހުރި އެވަޓަންގެ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް ލެވިން ދެވަނަ ފަހަރަށް އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 7 ވަނަ ގޯލެވެ.

މެޗުގެ ފަހު މިނަޓްގައި ލިވަޕޫލްގެ ތިއާގޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެވަޓަންގެ ރިޗާލިސަން އަށް ރަތްކާޑު ދެކިއެވެ. އަދި އޭގެފަހުން ލިވަޕޫލް އިން އިތުރު ގޯލެއް ކާމިޔާބުކުރިނަމަވެސް ހެންޑަސަން ކާމިޔާބުކުރި ގޯލުގައި މާނޭ އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ