ފޮޓޯ: ސަން

ޤައުމިއްޔަތަކީ ދުނިޔެއާ އެކަހެރިވެ ތިބުމެއް ނޫން: ލޫކަސް ޖަލީލް

ޤައުމިއްޔަތަކީ ދުނިޔެއާ އެކަހެރިވެ ތިބުމެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު މަޤާމް އަދާކުރައްވަމުން އަންނަ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރެމުން އަންނަ ހަބަރު ސިޓީގެ 8ވަނަ އަދަދުގައި ލޫކަސް ޖަލީލް ލިޔުއްވާފައިވަނީ ހުޅުވިފައިވާ ދުނިޔެ އެއްގައި މިނިވަންކަމާއި ޤައުމިއްޔަތުގެ ނަމުގައި ބަންދުވެ ތިބުމަކީ ގޮތެއް ނޫން ކަމަށެވެ.

"ޤައުމިއްޔަތަކީ ދުނިޔެއާ އެކަހެރިވެ ތިބުމެއް ނޫނެވެ. އަދި އިގްތިސާދީ ގޮތުން ބަންދުވެފަ ތިބުމެއް ވެސް ނޫނެވެ. ގައުމެއް ކުރިއަރާ ދަނީ ވިޔަފާރީގެ ގޮތުން ކަނޑުއޮޅިތައް ހުޅުވިފަ ވުމުންނެވެ. ދަތުރުފަތުރު ހިނގައި އެއް ބަނދަރުން އަނެއް ބަނދަރަށް މުދާ ބަދަލުކުރެވުމުންނެވެ. އިގްތިސާދީ ގޮތުން ގައުމެއްގެ ސަރަހައްދުތައް އެއް ރަށުކަށް ބަރޯސާވެފައި ނެތުމުންނެވެ." ލޫކަސް ޖަލީލް ވިދާޅުވިއެވެ.

ލޫކަސް ވިދާޅުވީ، ރާއްޖެއަކީ އިހުއްސުރެ ދުނިޔެއަށް ހުޅުވިފައި އޮތް ގައުމެއް ކަމަށާއި ވިޔަފާރީގެ ގޮތުންނާއި ކަނޑު ދަތުރުފަތުގެ ގޮތުން ޒަމާނުއްސުރެ ދުނިޔޭގެ މީހުން އެ ބަނދަރަކަށް ގޮސް އައިސްވާ މާ ކަނޑުގެ އަމާން ބަނދަރެއް ކަމަށެވެ.

އެމް.ޑީ.ޕީގެ ހިއްސާ އޮންނަ ސަރުކާރެއް ހިނގާ ކޮންމެ ފަހަރަކުވެސް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކުރާ އެއް މަސައްކަތަކީ ހާރިޖީ ގުޅުމުގެ ތެރެއިން އަވަށްޓެރި ގައުމުތަކާއެކު ސަރުކާރުން އާލާކުރާ އެކުވެރިކަމުގެ ގުޅުމަށް އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުން ކަމަށް ވެސް ލޫކަސް ޖަލީލް ވިދާޅުވިއެވެ.

"މިނިވަންކަން ނަގާލުމާއި ގައުމުގެ ސިޔާދަތައް އުނިކަން ގެނައުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު އެރުވުނެވެ. އިދިކޮލުގެ މުޅި ސިޔާސަތަކީ ކަމުގެ ހަގީގަތަށް ބެލުމެއް ނެތި އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ކަމުގައި ހަދައެވެ. މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތު ނަގާލުމަށް ފުރުސަތު ދެވި ބާރުގަދަ ގައުމުތަކަކުން ކުރާ ޕްރޮކްސީ ހަނގުރާމަ އެއްގެ ތެރެއަށް އަޅުގަނޑުމެންގެ ކުޑަ ގައުމަކަށް ވަދެވޭގޮތް ވެއެވެ." ލޫކަސް ޖަލީލް ވިދާޅުވިއެވެ.

ލޫކަސް އިތުރަށް ވިދާޅުވީ، ވެރިކަމަށް އައުމަށް ކުރަންޖެހޭ ކަމަކީ އިންޑިއާ ކަނޑުގެ މަސްލަހަތު ނަގާލުން ކަމުގައި ވެގެން ނުވާނެ ކަމަށާއި މިނިވަންކަމާއި ދިވެހި ބިމަށް އޮތް ދިވެހިންގެ ބާރުވެރިކަން ނަގާލުމުގެ އެއްވެސް މަސައްކަތެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ