އެޗްޑީސީ ހެޑް އޮފީސް - ފޮޓޯ: ޕީއެސްއެމް

ތިލަފުށްޓާއި ގުޅީފަޅުން ނަގާފައިވާ ތަންތަނުގެ ކުލި އެޗްޑީސީއަށް ދައްކާގޮތަށް ހަމަޖައްސައިފި

ތިލަފުށްޓާއި ގުޅިފަޅުން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން، އެތަންތަނަށް ދައްކަންޖެހޭ ކުއްޔާއި، އެހެނިހެން ފީތައް ހައުންސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

އކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، އެކޯޕަރޭޝަނާއި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ނަޤުލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އެހެންކަމުން، ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަވަންޖެހޭ މަހު ކުއްޔާއި އެހެނިހެން ފީ، 2020 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުން ފެށިގެން އެކޯޕަރޭޝަނަށް ދައްކަމުން ދިއުމަށެވެ.

މިގޮތުން، ޗެކުން ފައިސާ ދައްކަވާ ފަރާތްތަކުން ޗެކު ތައްޔާރު ކުރައްވަންވާނީ 'ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް' ގެ ނަމުގައިކަމަށާއި، އަދި ނަގުދު ފައިސާއިން ކުއްޔާއި އެހެނިހެން ފީ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކޯޕަރޭޝަނުގެ މައި އޮފީހުގައި ޤާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް މިއިޢުލާނުގައި ވެއެވެ.

އަދި އެކޯޕަރޭޝަނުގެ ހުރިހާ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ފައިސާ ދެއްކެވޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކޯޕަރޭޝަނުން ތަޢާރުފްކޮށްފައިވާ 'މައި ހުޅުމާލެ: ވެބް ޕޯޓަލްގައިވާ "ކުއިކް ޕޭ' މެދުވެރިކޮށް، ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަވަންޖެހޭ ފައިސާ ދެއްކެވޭނެ ގޮތް ހަމަޖައްސަމުން ގެންދާ ވާހަކަވެސް ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އެކޯޕަރޭޝަނުގެ ނަންބަރު 3355156 ފޯނަށް ގުޅުމަށްވެސް އެޗްޑީސީން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ