ލަނޑު ނުޖެހޭނަމަވެސް، މެސީގެ ފޯމާއި ދޭތެރޭ ކޫމަން ހާހެއް ނުވޭ!

ލަނޑު ނުޖެހޭނަމަވެސް، މެސީގެ ފޯމާއި ދޭތެރޭ ހާސްނުވާކަމަށް ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި މިހާތަނަށް ހަތަރު މެޗުގެ ކުޅެފައިވާއިރު، މެސީއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ. އެއީ 4-0 ގެ ނަތީޖާއަކުން ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ޕެނަލްޓީއެކެވެ. މީގެއިތުރުން މިހަތަރު މެޗުން މެސީއަށް ހެދިފައިވަނީ އެންމެ އެސިސްޓެކެވެ.

އެހެންނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ފެރެންކްވަރޯސްއާއި ދެކޮޅަށް ނުކުން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކޫމަށް ބުނީ މެސީގެ ފޯމު އިތުރަށް ރަނގަޅުކުރެވޭނެކަމަށާއި، ނަމަވެސް މިހާރުގެ ފޯމާ ދޭތެރޭ ކަންބޮޑު ނުވާކަމަށެވެ. އަދި މެސީ އާދެތެރޭ އެއްވެސް ޝަކުވާއެއްނެތްއިރު، ރަނގަޅަށް ޕްރެކްޓިސްކޮށް ކުޅުން ރަނގަޅުކުރުމަށް މެސީ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ކޫމަން ބުންޏެވެ. އަދި މުސްތަޤުބަލްގައި މެސީގެ ފަރާތުން ގިނަ ގޯލްތަކެއް ފެންނާނެކަމާމެދު ޝައްކުނުކުރާކަމަށްވެސް ކޯޗު ބުންޏެވެ.

މީގެއިތުރުން ކޫމަން ބުނީ، ބާސެލޯނާގެ މިހާރުގެ ހާލަތު އެނގޭކަމަށާއި، އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށާއި ކޯޗުންނަށްވެސް ބޮޑު ޕްރެޝަރެއް އެބައޮތްކަމަށެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ހިތިގޮތަކަށް ބާސެލޯނާ ކަޓައިގެން ދިޔަނަމަވެސް މިސީޒަން ފަށަން ބޭނުންވަނީ ރަނގަޅުކޮށްކަމަށާއި، ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ ދެމެޗުންވެސް މޮޅުވުން ވަރަށް މުހިންމުކަން ކޯޗު ކޫމަންވަނީ ފަހަގަކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 12:00 ގައި ފެރެންކްވަރޯސްއާއި ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، އަންނަ ހަފްތާގައި ބާސެލޯނާ ނުކުންނާނީ ވަރުގަދަ ޔުވެންޓަސްއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ