ތައިލެންޑުން ޓެލެގުރާމް "ބޭން" ކުރަނީ

ތައިލެންޑުގެ ވެރިކަމާއި ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް ކޮންޓުރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގައި ޓެލެގުރާމް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެ ގޮތަށް އެ އެޕްލިކޭޝަން "ބޭން" ކުރުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ފަށައިފިއެވެ.

ޓެލެގުރާމް އެޕްލިކޭޝަންއަކީ މެސެޖުކުރުމަށް ހާއްސަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ އެންމެ ހާއްސަ ކަމަކީ ސިއްރިއްޔާތުގައި މެސެޖެ ކުރުމުގެ ހިދުމަތެވެ. ތައިލެންޑުގައި މުޒާހަރާކުރަމުންދާ ފަރާތްތަކުން މުޒާހަރާތައް ރޭވުމަށް މި އެޕްލިކޭޝަންގެ ބޭނުން ހިފަމުން އަންނަ ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ.

ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހް ކުރުމަށާއި ޝާހީ އާއިލާގެ ތާއީދު ލިބިފައިވާ އެގައުމުގެ އަސްކަރީ ބޮޑުވަޒީރު މޭޖާ ޖެނެރަލް ބްރަޔުތު ޗާންއޮޗާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ ތައިލެންޑުގެ ރައްޔިތުން އެގައުމުގައި މުޒާހަރާ ކުރަމުން ގެންދާތާ އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާއިރު ތައިލެންޑުގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ތައިލެންޑުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުން މަނާ ވާގޮތަށެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ގެއްލުންވާނެ ކަމަށް ބެލެވޭ ވާހަކަތައް ފެތުރުމާއި މީސްމީޑީއާ މެދުވެރިކޮށް އެބާވަތުގެ މެސެޖްތައް ފޮނުވުންވެސްވަނީ މަނާކޮށްފައެވެ.

ތައިލެންޑުގެ ސަރުކާރުން ޓެލެގުރާމް އެޕުލިކޭޝަން ބޭންކުރަން އުޅޭކަން ހާމަވެފައިވަނީ، ތައިލެންޑުގެ ޑިޖިޓަލް އެކޮނަމީ މިނިސްޓްރީއިން ތައިލެންޑުގެ ބުރޮޑްކާސްޓިން އެންޑް ޓެލެކޮމިއުނިކޭޝަން ކޮމިޝަނަށް ފޮނުވި ލިޔެކިޔުންތަކެއް އާންމުވުމާއި ގުޅިގެންނެވެ. "ސިއްރު" ޖަހައި ފޮނުވައިފައިވާ މި ލިޔެކިޔުންތަކުގައި ބުނެފައިވަނީ ޓެލެގުރާމް އެޕުލިކޭޝަން ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އިންޓަރނެޓުގެ ހިދުމަތްދޭ ފަރާތްތަކަށާއި އަދި މޯބައިލް ނެޓްވޯކުގެ ހިދުމަތްދޭ ފަރާތްތަކަށް އެންގުމަށެވެ.

މިފަހުން ތައިލެންޑު ސަރުކާރުންވަނީ އޮންލައިން ޕެޓިޝަން ސައިޓެއް ކަމަށްވާ ޗޭންޖް.އޯރްގް ވެބްސައިޓުވެސް ތައިލެންޑުގައި ބުލޮކުކޮށްފައެވެ. މި ވެބްސައިޓު ތައިލެންޑުގައި ބުލޮކުކޮށްފައިވަނީ ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން އާއި ދެކޮޅަށް އެ ވެބްސައިޓުގައި އޮންލައިން ޕެޓިޝަނެއް ފަށައި އެ ޕެޓިޝަނުގައި 130،000 ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ