ވައްކަންކުރިޔަސް ސަރުކާރަށް ނިޞްބަތްވާނަމަ ރަނގަޅު: ޖަމީލް

ކޮންމެ މީހަކު ވައްކަންކުރިޔަސް ސަރުކާރަށް ނިޞްބަތްވާނަމަ އެމީހަކު ރަނގަޅު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފައިން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ މިއަދު ވަނީ އަނބުރާ ފޮނުވާލައިފިއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ޚިޔާނާތްތެރިވެއްޖެ ކަމަށާއި އެމީހަކަށް ފެނުނު ގޮތަކަށް އުޅެންވީ ކަމަށެވެ. ވައްކަންކުރިޔަސް، ލޫޓުވިޔަސް، ސަރުކާރަށް ނިޞްބަތްވާނަމަ ރަނގަޅު ކަމަށާއި ހުރިހާ ގެއްލުމެއް ލިބެނި ރައްޔިތުންނަށް ކަމަށެވެ. ބޭނުންވީމާ ކިތަންމެ ހަނިކޮށްވިޔަސް ދަޢުވާކުރެވޭ ކަމަށާއި މިވަގުތު ގާއިމުވެފައިވަނީ މުޑުދާރު ވެރިކަމެއްކަމެއްކަން ހާމަވެއްޖެކަމަށް ވިދާޅުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީންގެ މަގާމުން ދުރުނުކުރައްވާތީ ޑރ. ޖަމީލް މީގެ ކުރިން ވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން މިއީ ބޮޑު ސަމާސާއެއް ކަމަށާއި އެގޮތުން ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެނގިނުލައްވާ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ކެމްޕެއިންގައި ވިދާޅުވަމުންދިޔަ ކަމަށެވެ.

އަދި އެ ކުށަކީ ތަހުގީގު ކުރެވި ދައުވާ އުފުލިޔަސް ލަދުގަނެ، ވަޒީފާ ގެއްލޭވަރުގެ ކަމެއް ނޫންކަން ފާހަގަކުރައްވާ ޖަމީލް ވަނީ އެއީ އެންމެ “ތާހިރު” ގޮތްތޯ ސުވާލު އުފައްދަވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.

އެ މައްސަލަ ދިރާސާކުރުމަށް ފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. ނަމަވެސް މި މައްސަލަ މިއަދު ވަނީ އަންބުރާ ފޮނުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ